އަންނަ މަހު ގަލޮޅު ރަސްމީ ދަނޑުގައި ފަށާ ޑައިމަންޑް ޖުބިލީ މުބާރާތުގައި އެންމެ ބޮޑަށް އެދެނީ ދިވެހި ސަޕޯޓަރުން ދަނޑު ފުރާލަދިނުމަށް ކަމަށް، ޤައުމީ ޓީމުގެ ޒުވާން އުންމީދީ ޒުވާން ތަރި، މުޙައްމަދު އިލާން ޢިމްރާން ބުނެފިއެވެ.
ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މި މުބާރާތް އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.
މުބާރާތަށް ނުކުތުމުގެ ކުރިން ސަޕޯޓަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާތޯ އަހާލުމުން ރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކެޕްޓަން، އަދި މިއަހަރުގެ މާރިޗު މަހުގެ 23 ހުން އޭޕްރީލް 3 އަކަށް ރާއްޖޭގައި ބޭއްވި 10 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި މޮޅު ކުޅުމެއް ދައްކާ، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމުވެސް ހޯދި އިލާން ވަނީ މިއީ ސީނިއަރ ޓީމަށް އޭނާ ކުޅޭ ފުރަތަމަ މުބާރާތްކަން ފާހަގަކޮށް، މި މުބާރާތަކީ ވަރަށް ހާއްސަ މުބާރާތަކަށް ވާނެކަމަށް ބުނެފައެވެ.
"ކުރިއަށް އޮތް ޑައިމަންޑް ޖުބިލީ މުބާރާތުގައި، އިލާންގެ ފުރަތަމަ ސީނިއަރ މުބާރާތް މީ ދެން، ވަރަށް ސްޕެޝަލް ވާނެކަމަށް މިބަލަނީ. ހުރިހާ ސަޕޯޓަރުން ދަނޑު ފުރާލުން އެންމެ ބޮޑު އެދުމަކީ." އިލާން ބުންޏެވެ.
އިލާން އިތުރަށް ބުނީ، ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ގޮސް ސަޕޯޓުކޮށްދިނުމަކީ އިލާންގެ އިތުރުން ޓީމުގެވެސް ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އިލާން ވަނީ، ނިމިދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައިވެސް ރާއްޖޭގެ ސަޕޯޓަރުންނަށްވުރެ ގިނައިން އެހެން ޓީމުތަކުގެ ސަޕޯޓަރުން ފެނުނުކަން ފާހަގަކޮށް، އެއާ ހިލާފަށް މިފަހަރު ރާއްޖެ ސަޕޯޓަރުން ގިނައިން ދަނޑަށް ވަދެ ދިވެހިޓީމަށް ހިއްވަރުދިނުމަށް އެދިފައެވެ.
"ކުރިއަށް މިއޮތް ޑައިމަންޑް ޖުބިލީ މުބާރާތުގައި އިލާންގެ ވަރަށް ބޮޑު އެދުމެއް އެއީ، އިލާން އާ ޓީމުގެ ވަރަށް ބޮޑު އެދުމެއް، ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ސަޕޯޓުކޮށްދިނުން. އެއީ، ކުރިން މިފެނުނު އަންޑަރ 20 މުބާރާތުގައިވެސް ރާއްޖެ ސަޕޯޓަރުންނަށްވުރެ ގިނައިން މި ފެނުނީ ބަންގްލަދޭޗްގެ ސަޕޯޓަރުން. އެހެންވީމަ އޭތި މިފަހަރު، ރާއްޖެ ސަޕޯޓަރުން ގިނައިން ދަނޑަށް ވަންނާނެކަމަށް އުންމީދުކުރަން." އިލާން ބުންޏެވެ.
މުބާރާތް ކުރިއަށްދާނީ، ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާ ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ލިބޭ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝާއި ޕާކިސްތާނެވެ. އެރޭގެ މެޗުގައި ކުޅޭނީ ދިވެހިރާއްޖެއާއި އަފްޣާނިސްޠާނެވެ.