ކުޅިވަރު

ލުކާކޫގެ ދެލަނޑުން ބެލްޖިއަމަށް އުންމީދީ ފެށުމެއް


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުން 3-0 އިން ރަޝިއާ ބަލިކޮށް ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް މި ފަހަރުގެ މުބާރާތް މޮޅަކުން ފަށައިފިއެވެ.

ކެވިން ޑިބުރޭނާ އަނިޔާގެ ސަބަބުން ނުލައި ކުޅުނު ބެލްޖިއަމުން ވަނީ 10 ވަނަ މިިނިޓުގައި ލީޑުނަގައިފައެވެ. މިއީ ރަޝިއާގެ ޑިފެންޑަރުން އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ލުކާކޫ ޖެހި ގޯލެއެކެވެ. ބެލްޖިއަމް ޓީމަށް އެންމެ ގިނަ ގޯލު ޖަަހައިދިން ލުކާކޫ ވަނީ މި ގޯލު ޖެހުމަށް ފަހު އޭނާއާއި އެއް ކްލަބްއަކަށް ކުޅޭ އިންޓަ މިލާން އަދި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް މެސެޖެއް ދީފައެވެ. ލަނޑު ޖެހުމަށް ފަހު ކެމެރާ ކައިރިއަށް ޖެހިލުމަށް ފަހު ލުކާކޫ ބުނީ "އެރިކްސަން ދެކެ ވަރަށް ލޯބިވާ" ކަމަށެވެ.

ޓިމޮތީ ކަސްޓާނިއޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ތޯމަސް މުނިއޭ ވަނީ ކުޅެން އަރައި ބެލްޖިއަމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެނާ ވަނީ ރަޝިއާގެ ކީޕަރު އޮންޓޮން ޝުނިން އަތުގައި ޖެހިފައި ލިބުނު ބޯޅަ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މެޗުގެ 89 ވަނަ މިނިޓްގައި ލުކާކޫ ވަނީ ބެލްޖިއަމްގެ ތިން ވަނަ ގޯލު ޖަހައިފައެވެ. އޭނާ މި ގޯލު ޖެހީ މުނިއޭ ދިން ބޯޅަ އަކުންނެވެ. މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރު ބެލްޖިއަމުން އެ ފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުން އިޓަލީ އަތުން ވަނީ 2-0 އިން ބަލިވެފައެވެ.