މުނިފޫހިފިލުވުން

ޒީ ޓީވީގެ އައު ޝޯގެ ޖަޖަކީވެސް ޝިލްޕާ


އިންޑިއާގެ ގިނަ ޓީވީ ޗެނަލްތަކުން މިދުވަސްވަރު ދަނީ ތަފާތު އައު ޝޯތައް ފަށަމުންނެވެ.

ޒީ އިން އަލަށް ދައްކަން ހަމަޖެހިފައިވާ ކޮމެޑީ ރިއަލިޓީ ޝޯ "ކޮމެޑީ ފެކްޓަރ" މިހާރު ވަނީ ލޯންޗް ކުރުމުގެ މަގުމަތީގައެވެ. މި މަހުގެ 21 ވަނަ ދުވަހު ފަށާ މި ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާ ބަންދެއްގައެވެ. އެއީ ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭގަނޑު 10 ޖަހާއިރުއެވެ.

15 ހަފްތާއަށް ދިގުދެމިގެންދާ މި ޝޯގެ 30 އެޕިސޯޑް ދެއްކުމަށްވަނީ ހަމަޖެހިފައެވެ. ޝޯގެ ކޮންސެޕްޓަކީ ކޮންމެވެސް ކޮމެޑިއަނެއް އެކްޓަރަކާއެކު ނެށުމުގެ މުބާރާތެކެވެ. މި ޝޯގެ އެއް ޖަޖަކީ ބޮލީވުޑް ތަރި ޝިލްޕާ ޝެޓީކަމުގައި މިހާރު ވަނީ ވާހަކަދަކެވެން ފަށާފައެވެ.

ސްޓާރ ޕްލަސްއިން ދެއްކި "ނަޗްބަލިޔޭ" އަދި 2010 ވަނަ އަހަރު ދެއްކި "ޒަރާ ނަޗްކެ ދިކާއޯ" ފަދަ އެތައް ޝޯއެއްގެ ޖަޖްކަން މީގެކުރިން ޝިލްޕާވަނީ ކޮށްފައެވެ. ޝިލްޕާ މިހާރުވެސް އަންނަނީ "ސުޕަރ ޑާންސަރ 4' ގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ޒީ އިން މި ފަށާ އައު ޝޯގައި ބައިވެރިވުމަށް ދަޢުވަތު ދީފައިވާ ކޮމެޑީއަންސްގެ ތެރޭގައި ޢަލީ އަސްގަރު، ސުގަންދާ މިޝްރާ، ރާޖްޕަލް ޔާދަވް، ބަލްރާޖް ސެއިލް އަދި ގޯރަވް ދޫބޭ ހިމެނެއެވެ. މީގެ އިތުރުން ކޮމެޑީއަނުންނާއި ބައިވެރިވާން ސޮއިކޮށްފައިވާ އެކްޓަރުންނަކީ ޕުނީތު ޕަތާކް، ޝުވެތާ ތިވާރީ، ޝްރެޔާޝް ތަލްޕެޑޭ، ޖޭސްމީން ބާސިން އަދި އަދިތްޔާ ނާރަޔަން އެވެ.