ޚަބަރު

އެރިކްސަން ސަލާމަތްވުމުގައި ރެފްރީގެ 5 ސިކުންތުގެ ނިންމުން


ކްރިސްޓަން އެރިކްސަންއަށް އަވަސް ފަރުވާދިނުމުގައި އެންމެ ފުރަތަމަ ފިޔަވަޅު އެންމެ 5 ސިކުންތު ތެރޭގައި އެޅި ރެފްރީ އެންތޮނީ ޓެއިލާއަށް ގިނަބައެއްގެ ތައުރީފު އޮހެން ފަށައިފިއެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކާއި ފިންލެންޑު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ޑެންމާކުގެ ކުޅުންތެރިޔާ ކްރިސްޓަން އެރިކްސިން ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން ރެފްރީ އެންތޮނީ ޓެއިލަރ މެޗު ހުއްޓުވާލީ އެންމެ 5 ސިކުންތު ތެރޭގައެވެ. އަދި މެޑިކަލް ޓީމު ޙަރަކާތްތެރިވުމަށް ފުރުސަތު ދިނުންވެގެން ދިޔައީ އެރިކްސަންގެ ފުރާނަ ސަލާމަތްކުރަން ރެފްރީ ހޯދައިދިން މުހިއްމު ފުރުސަތެއްގެ ގޮތުގައި ފުޓުބޯޅައަށް ސަޕޯޓުކުރާ ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެފަދަ އެމަރޖެންސީ ޙާލަތެއްގައި ޓެއިލަރގެ ކިބައިން ފެނިގެން ދިޔައީ ވަރަށް ހަމަޖެހިގެން ޙާލަތު ކޮންޓްރޯލްކުރުމުގެ މޮޅު ޓެކްނީކްސްތަކެއްކަމަށް ފުޓުބޯޅައަށް ސަޕޯޓުކުރާ ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ކުޅުންތެރިން ދަނޑުމައްޗަށް ވެއްޓި މީގެކުރިން ހިތާމަވެރި އެތައް ކަމެއް ހިނގާފައިވެއެވެ. އެހެންނަމަވެސް ޔޫރޯ މުބާރާތުގައި ޑެންމާކަށް ކުޅެމުން އަންނަ ކްރިސްޓަން އެރިކްސަންއަށް ވަގުތުން ފަރުވާދެވިފައިވާއިރު އޭނާގެ ޙާލު މިހާރު ރަނގަޅުކަމަށް ޔޫއެފާއިންވަނީ ހާމަކޮށްފައެވެ. އަދި މިހާރު ހޮސްޕިޓަލަށް ގެންގޮސް އިތުރު ޓެސްޓުތައް ހެދުމުގެ ކަންކަންކުރިއަށްދާކަމަށް މަޢުލޫމާތު ލިބެއެވެ.

ނިމިދިޔަ ސީޒަންގެ ފަހުކޮޅު އިންޓަރ މިލާނުން ހޯދި ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކުރި 29 އަަހަރުގެ ކްރިސްޓިއަން އެރިކްސަންއަކީ އިދިކޮޅަށް ކުޅޭ ކޮންމެ ޓީމަކަށްވެސް ނުރައްކަލަކަށް ވާނެ ކުޅުންތެރިޔެކެވެ.

2010 ވަނަ އަހަރު އުމުރުން 18 އަހަރުގައި ޑެންމާކް ޤައުމީ ޓީމަށް ކުޅެން ފެށި އެރިކްސަން ވަނީ މިހާތަނަށް 108 މެޗް ކުޅެ 36 ލަނޑު ކާމިޔާބުކޮށްދީފައެެވެ. އޭނާއަކީ ޕެނަލްޓީ އޭރިޔާ ތެރެއާއި ބޭރުންވެސް ގޯލާ ރައްޓެހި އަދި އެއްކޮށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ.