ޚަބަރު

ކޯވިޑް-19ން އަރައިގަތުމަށް ޖީ7ން ދޭން ނިންމި އެހީތެރިކަމަށް ބޮޑެތި ފާޑުކިޔުންތަކެއް


ފަޤީރު ޤައުމުތަކަށް ކޯވިޑް-19ގެ ވެކްސިންގެ 1 ބިލިޔަން ޑޯޒު ހަދިޔާކުރުމަށް ޖީ7ގެ ޤައުމުތަކުން ނިންމުމުން ދައްކުވައިދެނީ ފާއިތުވި 100 އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މުއްސަނދި ޤައުމުތަކުން ތައްޔާރުވެފައި ނެތުންކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އެ ޤައުމުތަކަށް އަމާޒުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ކުރިޔަށްދާ ޖީ7ގެ އިސްވެރިންގެ ބައްދަލުވުމުގައި ދުނިޔޭގެ އެންމެ ބޮޑެތި އިޤުތިޞާދުތައް އޮންނަ 7 ޤައުމުން ވެކްސިންގެ 1 ބިލިޔަން ޑޯޒު ހަދިޔާކުރުމަށްވަނީ ވަޢުދުވެފައެވެ. ވެކްސިން ހަދިޔާކުރުމަށް އެ ޤައުމުތަކުން ވެފައިވާ ވަޢުދަށް އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝް މަރުޙަބާ ކިޔުއްވި ނަމަވެސް އޭނާވެސްވަނީ ބަލިމަޑުކަމުން އަރައިގަތުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. ގުތެޚޭޝް ވިދާޅުވީ ދުނިޔޭގެ އެންމެންނަށް ވެކްސިން ދިނުމަށް ޚާއްޞަ ރޭވުންތަކެއް ރާވަންޖެހޭކަމަށާއި ޙިކުމަތްތެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މީހުންނަށް އަވަހަށް ވެކްސިން ނުދެވިއްޖެނަމަ ބަލިޖައްސާ ވައިރަހުގެ ބާރު އިތުރަށް ވަރުގަދަވެ ވެކްސިނަށް ނުގުޑުމުގެ ބިރުއޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ޤައުމުތަކުގެ ރައްޔިތުންނަށާއި އިޤްތިޞާދުތަކަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެކަމުގެ އިންޒާރު އޭނާ ދެއްވާފައިވެއެވެ.

ޞިއްޙީ އެހީތެރިކަން ފޯރުކޮށްދީ ފަޤީރުކަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ވެކްސިން ހަދިޔާކުރުމަކީ ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވި ނަމަވެސް ދުނިޔޭގެ އާބާދީއަށް ވެކްސިން ދިނުމަށް ކުރަންޖެހޭ މަސައްކަތުގެ މުހިންމުކަން ހުޅަނގުގެ ޤައުމުތަކަށް ފުރިހަމައަށް އިޙްސާސްނުވާކަމަށް ބުނެފައެވެ. ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން އެކި ސަރަޙައްދުތަކަށް ވެކްސިން ބެހުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ހަދިޔާކުރާނެކަމަށް ބުނުމުގެ ބަދަލުގައި މިހާރުން މިހާރަށް ވެކްސިން ފޯރުކޮށްދިނުމަށް އެ ފަރާތްތަކުން ޖީ7ގެ ޤައުމުތަކަށް ގޮވައިލާފައިވެއެވެ.

ދުނިޔޭގައި ކޯވިޑް-19 ވެކްސިން މިހާތަނަށް ދީފައިވަނީ އެންމެ 2.2 ބިލިޔަން މީހުންނަށެވެ. އެގޮތުން އެންމެ ގިނަ ޢަދަދެއްގެ ވެކްސިން ދީފައިވަނީ އެމެރިކާއާއި އިސްރާއީލާއި ބަޙްރައިނާއި ވިލާތުގެ މުއްސަނދި ޤައުމުތަކުގައެވެ. ވެކްސިން ދިނުމުގައި ފަޤީރު ޤައުމުތައް އޮތީ ވަރަށް ފަހަތުގައެވެ. އޭގެ ސަބަބުން ފަޤީރު ޤައުމުތައް އޮތީ ވަރަށް ނާޒުކު ޙާލަތެއްގައިކަމަށް ބުނެ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިންވެސްވަނީ ކަންބޮޑުވުންފައުޅުކޮށްފައެވެ.