ކުޅިވަރު

މުބާރާތް ކާމިޔާބީއަކުން ފެށުން ވަރަށް މުހިންމު: ކޯޗު މަންޗިނީ


ޔޫރޯ 2020 މުބާރާތް ކާމިޔާބީއަކުން ފެށުން ވަރަށް މުހިންމު ކަމަށާއި ރޭގެ މެޗްގައި އެކަން ހާސިލްވެއްޖެކަމަށް އިޓަލީވިލާތުގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނެފިއެވެ. މަންޗީނީ މިހެން ބުނީ ޔޫރޯގެ ފުރަތަމަ މެޗުގައި އިޓަލީވިލާތުން ތުރުކީވިލާތާއި ދެކޮޅަށް ރޭ ކުޅޭ މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ.
.
މަންޗީނީ ބުނީ ފުރަތަމަ މެޗުން ތިންލަނޑު ސުންލަނޑުން ކާމިޔާބު ކުރެވުން މިއީ އޭނާ އަށާއި ކުޅުންތެރިންގެ އިތުރުން ޤައުމުގެ ރައްޔިތުންނަށާއި ޤައުމަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ. އަދި ރޭގެ މެޗްގައި އޭނާގެ ކުޅުންތެރިން މޮޅު އަދި ރީތި ކުޅުމެއް ދެއްކިކަމަށް ގަބޫލް ކުރާ ކަމަށާއި ކުރިއަށް އޮތްތާނގާއި އެހެން މެޗްތަކުގައިވެސް މިގޮތަށް އޭނާގެ ޓީމަށް ކުޅެވޭތޯ މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ. އަދި ސަޕޯޓަރުންގެ ފަރާތުން ރޭގެ މެޗުގައި ވަރަށް ބޮޑު ހިތްވަރެއް ކުޅުންތެރިންނަށް ލިބިގެންދިޔަކަން ވެސް މަންޗީނީ ފާހަގަކުރިއެވެ.

ތުރުކީވިލާތުގެ ކޯޗް ސެނޯލް ގުނޭސް ހާމަކުރިގޮތުގައި ރެއަކީ އެޓީމްގެ ރެއެއް ނޫން ކަމަށެވެ. އޭނާގެ ކުޅުންތެރިންނަށް ބޯޅަ އެއްވެސްވަރަކަށް ހިފެހެއްޓޭ ގޮތް ނުވީ ކަމަށާއި އަދި އިޓަލީ ކުޅުންލެއް ވަރުގަދަ ކަމުން އޭނާގެ ކުޅުންތެރިންނަށް ކުރިއަށް ޖެހިލައިގެން ރަނގަޅަށް ކުޅެވޭގޮތް ނުވީކަމަށެވެ. ރޭގެ މެޗްގައި އިޓަލީގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށް އޭނާވެސް ގަބޫލް ކުރިއެވެ. އަދި މިއީ މުބާރާތެއް ކަމަށާއި އެހެންކަމުން ކުރިއަށް ދެން އޮތް ދެމެޗަށް ރަނގަޅަށް ތައްޔާރުވުން ވަރަށް މުހިންމު ކަމަށްވެސް ތުރުކީ ކޯޗް ހާމަކުރިއެވެ.

ރޭގެމެޗްގައި ސްޓަރ އޮފް ދަ މެޗަށް ހޮވުނު އިޓަލީ ޓީމްގެ ލިއަނާޑޯ ސްޕިނަޒޯލާ ބުނީ ރޭގެ މެޗްގައި އިޓަލީ ޓީމްގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެއް ކަމަށެވެ. އަދި ރޭގެ މެޗް ދަނޑަށް ބަހުގާ ދިޔަ އިރު ސަޕޯޓަރުން ފެނުމާއެކު ޓީމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަކަމަށް އޭނާ ހާމަކުރިއެވެ. އަދި ރޭގެ މެޗްގައި އިޓަލީއިން ބެލީ ކެތްތެރިކަމާއެކު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެން ކަމަށްވެސް އޭނާ ބުންޏެވެ.

އިޓަލީވިލާތުގެ ދެވަނަ ލަނޑު ޖަހައިދިން ސީރޯ އިމޮބިލޭ ބުނީ ތުރުކީވިލާތަކީ ވަރުގަދަ ޓީމެއް ކަމަށާއި އެހެންކަމުން ބެލީ ބޯޅަ ބޮޑަށް މޫވްކޮށް އެޓީމް ހުޅުވާލެވޭތޯ ކަމަށާއި ނަމަވެސް ފުރަތަމަ ހާފްގައި ތުރުކީވިލާތުގެ ޑިފެންސް ފޫއަޅުވާލެވޭގޮތް ނުވީކަމަށެވެ. ނަމަވެސް ފުރަތަމަ ލަނޑާއެކު ތުރުކީއަށް ކުރިއަށް ޖެހެން މަޖްބޫރުވުމުން އިޓަލީގެ އަސްލުކުޅުން ދައްކާލުމުގެ ފުރުސަތު ލިބިގެން ދިޔައީކަމަށް އިމޮބިލޭ ހާމަކުރިއެވެ.

2018 ވަނަ އަހަރުގެ ވާރލްޑް ކަޕަށް ކޮލިފައިނުވުމުން މުޅި އިޓަލީ މާޔޫސް ކަމުގެ ތެރެއަށް ވެއްޓިގެންދިޔަ ނަމަވެސް އެކަމުން މިހާރު މިވަނީ އެޓީމް އަރައިގަނެ އަނެއްކާވެސް ރަނގަޅު ކުޅުމެއް ދައްކަންފަށާފައެވެ. ބައެއް ތަޖްރިބާކާރުން ގަބޫލް ކުރާގޮތުގައި ރޭގެ މެޗްގައި އިޓަލީއިން އެވަނީ މުބާރާތުގައި ވާދަކުރާ އެހެން ހުރިހާ ޓީމްތަކަށް ވަރުގަދަ މެސެޖެއް ދީފައެވެ.