މުނިފޫހިފިލުވުން

ހޮލީވުޑްގެ މަޝްހޫރު ތަރިންނާއެކު ޕްރިޔަންކާވެސް ވެކްސިން ހޯދުމުގައި


ބޭނުންޖެހިފައިވާ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުން ވިހި ޕަސަންޓް ވެކްސިން އެޤައުމުތަކަށް ހަދިޔާކޮށްދިނުމަށް ގޮވާލާ ހޮލީވުޑް ތަރިން ކުރަމުން އަންނަ މަސައްކަތުގައި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ބައިވެރިވެއްޖެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ހަތް ޤައުމުގެ ލީޑަރުންގެ ކިބައިން ވެކްސިން ހޯދުމަށް އެދި މި މަސައްކަތް ފަށާފައިވަނީ "މާރވެލް" ގެ ތަރި އޮލިވިއާ ކޯލްމޭން "އެޓާރނަލްސް" ގެ ތަރި ގެމާ ޗާން އަދި ލަވަކިޔުންތެރިޔާ ކެޓީ ޕެރީއެވެ.

ޤައުމުތަކުގެ ލީޑަރުންނަށް މި ތަރިން ފޮނުވާފައިވާ ސިޓީ ވަނީ ޔުނިސެފްގެ ވެބްސައިޓްގައި އާންމުކޮށްފައެވެ. ވެކްސިން ހޯދުމަށް ދަތިވެފައިވާ ޤައުމުތަކަށް ޖީ ސެވަން ޤައުމުތަކުގެ ސަމިޓް ވެގެންދާނީ ވަރަށް މުހިންމު ފުރުޞަތަކަށްކަމަށް މި ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެކްޓަރ ވޫޕީ ގޯލްޑްބާރގް، އޮލާންޑޯ ބްލޫމް، އީވާން މެކް ގްރިގަރ، ޓީ ލިއޯނީ، ލޫސީ ލިއު، އެލިއްސާ މިލާނޯ، ސެލީނާ ގޮމޭޒް އަދި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްވެސް ހިމެނޭގޮތަށް 29 ތަރިން ވަނީ މި ސިޓީގައި ސޮއި ކޮށްފައެވެ.

ތިން ދުވަހަށް ދެމިގެންދާ ޤައުމުތަކުގެ ބައްދަލުވުންތައް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްދަނީ އިނގިރޭސިވިލާތުގެ ކޯންވެލްގައެވެ. ޤައުމުތަކަށް ދިމާވެފައިވާ އެކި ކަހަލަ މައްސަލަތަކަށާއި ޚާއްޞަކޮށް ކޯވިޑްގެ މި ބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތަކަށް ކުރެވިދާނެ ކަންތައްތަކާއިމެދު މި ބައްދަލުވުންތަކުގައި މަޝްވަރާކުރާނެއެވެ.