މުނިފޫހިފިލުވުން

ވަރުން "ބޭދިޔާ" ގެ ޝޫޓިންތައް އަލުން ފަށަނީ


ގާތްގަޑަކަށް ނުވަދިހަ ޕަސަންޓް ޝޫޓިންތައް ނިމިފައިވާ ހޮރޯ ކޮމެޑީ ފިލްމު "ބޭދިޔާ" ގެ ޝޫޓިންތައް އަނެއްކާވެސް މި މަހުގެ 26 ގައި ފަށާ ގޮތަށް ނިންމައިފިއެވެ.

މުމްބާއީގައި ފެށުމަށް ހަމަޖެހިފައިވާ ޝޫޓިންތަކަށް ޓީމުން ތައްޔާރުވެފައިވާ ކަމަށާއި ޝޫޓިންތައް ކުރިއަށްގެންދާނީ ކޯވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންކަމަށްވެސް ފިލްމުގެ ޓީމާއި ޙަވާލީ ޚަބަރުތައް ބުނެއެވެ. ސްޕެޝަލް އިފެކްޓް ފުދޭވަރަކަށް ހިމެނޭ މި ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތަކީ ބުރަ މަސައްކަތެއްކަމަށާއި ކުރިން ނަގާފައިވާ އެކްޝަން ސީންތަކުގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތްތައް ޚާއްޞަ ޓީމަކުން ކުރަމުންގެންދާކަމަށްވެސް ޓީމުން ބުނެއެވެ.

ފަސް މަސް ދުވަހަށް ދިގުދެމިގެންދިޔަ އިންޑިއާގެ އަރޫނާޗަލް ޕްރްދޭޝްގެ ޝޫޓިންތައް ނިންމާލާފައިވާ މި ފިލްމުގައި ވަރުންގެ އިތުރުން ލީޑް ރޯލުން ފެނިގެންދާ އަންހެން ބަޠަލަކީ ކްރިތީ ސެނޮންއެވެ.

އަމަރް ކޯޝިކް ޑައިރެކްޓްކޮށް ދިނޭޝް ވިޖޭން ޕްރޮޑިއުސްކުރާ "ބޭދިޔާ" މަސައްކަތް ފަށާފައިވަނީ މާރިޗް މަހުއެވެ. ފިލްމު ރީލީޒް ކުރުން އަދި ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ އޭޕްރީލްމަހު ސިނަމާތަކުގައެވެ.