ވިޔަފާރި

ލޯ ބޮޑު ކަންނެލިން ދިވެހި މަސްވެެރިންނަށް ރަނގަޅު ނަފާއެއް


ޖަޕާނުގެ ސަޝިމީ ބާޒާރުގައި އަގު ހުރި ގޮތަށްބަލައި، ދިވެހި އުޅަނދު ފަހަރުތަކަށް ފާއިތުވި އަހަރު ލޯބޮޑުކަންނެލި އެކްސްޕޯޓްކޮށްގެން 326 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އަންދާޒާ ކުރެވޭކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެއެވެ.މިނިސްޓަރ އޮފް ފިޝަރިޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވީީ މިއީ 2013 ވަނައަހަރާއި އަޅާބަލާއިރު %43 ކުރިއެރުމެއްކަމަށެވެ.ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި އުޅަނދުތައް ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ފަހަނައަޅައި ބޭރުކަނޑުގައި މަސްވެރިކަން ކުރަން ފަށާފައި ވަނީ ފާއިތުވި އަހަރުގެ ތެރޭގައިކަމަށް ފިޝަރީޒް މިނިސްޓްރީން މަޢޫލޫމާތުދެއްވައެވެ.ލޭނު މަސްވެރިކަން ކުރަމުން އައި އުސޫލުބަދަލުކޮށް ދިވެހި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ފެށިގެން ސަތޭކަ މޭލު ބޭރުގައިވާ ސަރަޙައްދުގައާއި، ދުއިސައްތަ މޭލުން ބޭރުގައި، ބޭރުކަނޑުގައި މަސްވެެރިކަން ކުރުމުގެ ފުުރުސަތު ވަނީ މިހާރު ހުޅުވާލެވިފައެވެ.ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މިބަދަލާއި އެކު ލޭނު މަސްވެރިކަންކުރުމަށް ލައިސަންސް ދޫކޮށްގެން 2014 ވަނަ އަހަރު ދަޢުލަތަށް ލިބުނު 50،400 ރުފިޔާގެ ބަދަލުގައި 2013 ވަނަ އަހަރު 6.8 މިލިޔަން ރުފިޔާ ލައިސަންސް ފީގެ ގޮތުގައި ލޭނު މަސްވެރިކަން ކުރާ އުޅަނދުފަހަރުން ލިބިފައިވާކަމަށެވެ.ލޭނު މަސްވެރިކަމުގައި ބައިވެރިވާ ދިވެހިން އިތުރުކޮށް މި މަސްވެރިކަމަށް ދިވެހިން އަހުލުވެރިކުރުވުމަށް ތަފާތުކަންކޮޅުތަކުގައި މަސްވެރިންނަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގާފައިވާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.ލޯބޮޑު ކަންނެއްޔަކީ ރާއްޖޭގައި މިހާތަނަށް އޭގެ ބޭނުން ނުކުރެވޭ ރިސޯސަސްއެއްކަމަށާއި އެހެންކަމުން އޭގެ ބޭނުން ކުރަން ޖެހޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.ރާއްޖޭގައި އާންމުކޮށް ކުރާ ކަންނެލީގެ މަސްވެރިކަމުގައި ބާނާ ރީނދޫ އުރަހަ ކަންނެއްޔާއި ޚިލާފަށް ލޯބޮޑު ކަންނެއްޔަކީ ކަނޑުގެ މާ ފުނުގައި އުޅޭ މަހަކަށްވުމުން ދިވެހިން ކުރަމުންއައި މަސްވެރިކަމުގައި މިހާތަނަށް އޭގެ ބޭނުން ހިފިފައިނުވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.ލޯބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ރާއްޖޭގައި ދީފައިވަނީ ހަމައެކަނި ރާއްޖޭގެ ބޯޓްފަހަރަށެވެ. އަދި އެކަމަށް ހުއްދަ ދީފައިވާ ބޯޓްފަހަރުގައި ވަކި އަދަދަކަށް ދިވެހިން ތިބެންޖެހޭނެކަމަށް ޤަވާއިދުގައި އޮންނާނެކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.