ޚަބަރު

އެޗް.އީ.އޯ.ސީގެ ދަރުމަވެރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙްޤީޤުކުރަން ފަށައިފި


ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރި މީހަކަށް ޖީންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙްޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ހުށަހަޅާފައިވަނީ މިރޭ 20:39 ގައިކަމަށާއި، މިކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.

އެޗް.އީ.އޯ.ސީގެ ދަަރުމަވެރިއަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ތަޙްޤީޤުކުރަން ފަށާފައިވާއިރު، ހެލްތު މިނިސްޓްރީގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކު އެޗް.އީ.އޯ.ސީގައި ދަރުމަވެރިއެއްގެގޮތުގައި މަސައްކަތްކުރަމުންދިޔަ އެމް.އޭ.ސީ.އެލްގެ އަންހެން މުވައްޒަފެއްގެ ގައިގައި އަތްލާ، ޖިންސީ ގޯނާކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

މިކަމާގުޅޭގޮތުން ހެލްތު މިނިސްޓްރީން ވިދާޅުވީ، މިފަދަ މައްސަލައެއް ފެންމަތިވުމާގުޅިގެން މިނިސްޓްރީގެ ކޮމެޓީއަކުން މި މައްސަލަ ބަލަމުންދާކަމަށެވެ. އަދި މިކަމުގެ ތުޙުމަތުކުރެވޭ ފަރާތައް ފިޔަވަޅުއެޅުމާމެދު ގޮތެއް ނިންމާނީ މައްސަލަ ނިމުމުންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.