ކުޅިވަރު

ޔޫރޯ 2020 ހުޅުވާނީ ވަރޗުއަލް ޕަރފޯމަންސަކުން


މިރޭ އިޓަލީވިލާތުގެ ވެރިރަށް ރޯމުން ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 ހުޅުވާނީ ވީ އާ ދަ ޕީޕަލް ގެ ވަރޗުއަލް ޕަރފޯމަންސަކުންކަމަށް ޔުއޭފާއިން ހާމަކޮށްފިއެވެ. މި ހުށަހެޅުމުގައި މާރޓިން ގެރިކްސް، ބޯނޯ އަދި ދި އެޖް ގެ ދައްކާލުންތައް ފެނިގެންދާނެއެވެ.

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން މިތިން އާޓިސްޓުން ގުޅިގެން ގެނެސްދޭ މިހުށަހެޅުން ގޭގާ ތިބެގެންނާއި އޮންލައިންކޮށް ބަލާ އެންމެންނަށްވެސް ވަރަށް ކަމުދާނެކަމަށް ޔުއޭފާގެ މާކެޓިންގ ޑިރެކްޓަރ ގައި ލޯރެން އެޕްސްޓެއިން ފާހަގަކުރެއެވެ. ރޯމްގެ އޮލިޕްޕިކޯ ސްޓެޑިއަމްގައި މިރޭ އިޓަލީވިލާތާއި ތުރުކީވިލާތުގެ މެދުގައި ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗްގެ ކުރިން ގެނެސްދޭ މިހުށަހެޅުން ޝޫޓްކޮށްފައިވަނީ ލަންޑަންގައި ހުރި ފިލްމް ސްޓޫޑިއޯ އަކާއި އޮލިޕްޕިކޯ ސްޓެޑިއަމްގައެވެ. މިގޮތުން މިހުށަހަޅާދިނުމުގައި ދަނޑުގެ ވިނަގަނޑު ނުލާއި ހުދުކުލައިގެ އަލިފާން ގަނޑަކަށް ބަދަލުވެގެންދާތަން ފެނިގެނދާނެކަމަށްވެއެވެ. އަދި ގިނަ އަދަދަކަށް ލައިޓް ބޭނުން ކުރެވިފައިވާނެކަމަށް ވެސް މަޢުލޫމާތުލިބެއެވެ.

ޔުއޭފާ ޔޫރޯ 2020ގެ އޮފިޝަލް ޕްލޭ ލިސްޓް މިހާރު ލަވަ ސްޓްރީމް ކުރާ ހުރިހާ ޕްލެޓްފޯމަކުން ލިބެން ހުންނާނެކަމަށްވެސް ޔުއޭފާއިން ހާމަކުރެއެވެ.