ކުޅިވަރު

ޔުރޯ 2020 މޫބާރާތް މިރޭ ފެށޭނެ

ކޯވިޑް-19 އާއި ގުޅިގެން މިއަހަރަށް ފަސްކުރި ޔުރޯ 2020 މޫބާރާތް މިރޭ ފެށޭނެއެވެ. އިޓަލީވިލާތުގެ ވެރިރަށް ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯގައި މިރޭ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިޓަލީވިލާތާއި ތުރުކީވިލާތެވެ.

މިފަހަރުގެ ޔޫރޯ މުބާރާތަކީ ހުރިހާގޮތަކުންވެސް ހާއްސަ މުބާރާތެކެވެ. މިއީ އެގާރަ ޤައުމެއްގައި މިމުބާރާތް ކުޅެވޭ ފުރަތަމަ ފަހަރު. 24 ޓީމް ވާދަކުރާ މި މުބާރާތުގައި 51 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ކޮވިޑް-19ގެ ސަބަބުން ކުޅިބެލުންތެރިންނަށް މެޗްތައް ބަލާލަން ދިއުމުގައި ދަތިތަކެއް ހުރި ނަމަވެސް މިފަހަރުގެ މުބާރާތުގައި ކުޅޭ ހުރިހާ މެޗެއް ބަލާލަންވެސް ކޮންމެވެސް ވަރަކަށް ކުޅިބެލުންތެރިން ވައްދާގޮތަށް ޔުއޭފާއިން ވަނީ ހަމަޖައްސާފައެވެ. މިގޮތުން މިރޭގެ މެޗް ބަލާލުމަށް ވެސް 16 ހާސް ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ މެޗްގައި ވާދަކުރާ ދެޓީމަށް ބަލާލާއިރު މިދެޓީމު ވެސް ވަނީ މިމުބާރާތަށް ރަނގަޅަށް ތައްޔާރުވެފައެވެ. އިޓަލީ ޓީމަށް އަނިޔާގެ ބައެއް މައްސަލަތައް ކުރިމަތިވެފައެވެ. މިގޮތުން މާކޯ ވެރާއްޓީ މިރޭގެ މެޗަށް މުޅިން ފިޓްވާނެކަމަށް ނުބެލެވެއެވެ. އެހެންކަމުން އެމަގާމަށް މިރޭ ކުޅުން އެންމެ ގާތީ މެނުއަލް ލޮކަޓެއްލީއެވެ. އަދި ލޮރެންޒޯ ޕެލެގްރީނީއަށް ފަރިތަކުރުންތަކުގައި އަނިޔާ ވުމުގެ ސަބަބުން އޭނާއަށް މިފަހަރުގެ މުބާރާތުގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. ނަމަވެސް އިޓަލީވިލާތް މިރޭގެ މެޗަށް ނިކުންނަނީ އެންމެ ފަހުން ކުޅުނު އަށް މެޗްގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ މޮޅުވެގެންނެވެ. އަދި 2018 ވަނަ އަހަރަށްފަހު އިޓަލީ ޓީމް ބަލިވެފައެއްނުވެއެވެ.


ތުރުކީވިލާތަށް ބަލާލާއިރު ކޮލިފައިންގ ގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޗެންކް ޓޮސުންއަށް އަނިޔާ ވެފައިވުމުން މިފަހަރުގެ މުބާރާތުގައި ނުފެންނާނެއެވެ. ތުރުކީ ޓީމަށް ބަލާލާއިރު މިރޭގެ މެޗުން ޗެންގީޒް އުންޑަރ ފެންނާނެކަމަށް ބެލެވެއެވެ. އަދި ބުރާކް ޔިލްމާޒްގެ ކެޕްޓަންގެ ކަމުގެ ދަށުން ނިކުންނަ ތުރުކީ ޓީމަކީ މިފަހަރުގެ މުބާރާތުގައި ގިނަ ބަޔަކު ޤަބޫލް ކުރާގޮތުގައި ހައިރާން ކަން ގެނުވަފާނެ ޓީމެކެވެ. މިދެ ޓީމް މިހާތަނަށް 10 ފަހަރު ބައްދަލުކޮށްފައިވާއިރު ތުރުކީ މިހާތަނަށް މޮޅުވެފައެއް ނުވެއެވެ. ނަމަވެސް އެންމެ ފަހުން ބައްދަލުކުރި ދެމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ.

މިފަހަރުގެ ޔޫރޯ ވާނީ 1990 ވަނަ އަހަރުގެ ވާރލްޑް ކަޕަށްފަހު ބޮޑު މުބާރާތެއްގެ ޗްތައްއިޓަލީވިލާތުގައި ބާއްވާ ފުރަތަމަ ފަހަރަށެވެ. މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރެވެ.