ޚަބަރު

ނޭޓޯގެ މަޤުސަދުތަކަކީ ކޮބައިކަން ސާފުވާންޖެހޭ: ރައީސް މެޚްރޮން


ނޯޓް އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން ނުވަތަ ހުޅަނގުގެ އަސްކަރީ އިއްތިޙާދު ނޭޓޯގެ މަޤުޞަދުތައް ސާފުކޮށްދޭންޖެހޭކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޙްރޮން ވިދާޅުވެއްޖެއެވެ. މީގެ ކުރިން މެޚްރޮން ވަނީ ނޭޓޯއަކީ ސިކުނޑި މަސައްކަތްނުކުރާ އިއްތިޙާދެއްކަމަށް ސިފަކުރައްވާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މޮޚްރޮން ވިދާޅުވީ ނޭޓޯގެ ދުޝްމަނުންނަކީ ކޮބައިކަން ދެނެގަންނަންޖެހޭކަމަށާއި އެއީ ކޮން ސަރަޙައްދުތަކެއްގައި ތިބި ބައެއްކަން އެނގެންޖެހޭކަމަށެވެ. އަދި ރަޝިޔާއާ ގުޅޭގޮތުން ވިސްނުންތަކެއް ވިސްނަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޗައިނާއަށް މާބޮޑަށް ސަމާލުކަން ދިނުން ރަނގަޅުނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. މެޚްރޮން ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް ރާވާ ރޭވުންތަކަކީ ވަރުގަދަ އަދި އެ ފިޔަވަޅުތަކާމެދު ރަޝިޔާއިން ޖެހިލުންވާވަރުގެ ފިޔަވަޅުތަކަކަށް ވާންވާނެކަމަށެވެ. ރަޝިޔާއިން ދޭ އަސްކަރީ ޙަމަލާތަކާއި ސައިބަރ ޙަމަލާތަކާއި ބިރުދެއްކުމުގެ ޢަމަލުތަކަށް ނުގުޑާވަރުގެ ރޭވުންތައް އެ ޤައުމާ ދެކޮޅަށް ރާވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެފަދަ ރޭވުންތައް ރޭވުމުގައި ޖޯގުރަފީގެ ގޮތުން ވިލާތުގެ ޤައުމުތައް އެތުރިފައިވާ ގޮތާމެދު ވިސްނަންވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ފަރާތުން ހުޅަނގުގެ ޤައުމުތަކަށް އޮތް ނުރައްކަލާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ނޭޓޯއަށް 20 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ދިނުމަށް ރޭވުމުން ފަރަންސޭސިވިލާތުންވަނީ އެ ރޭވުންތަކާމެދު ހިތްހަމަނުޖެހިފައެވެ. ފަރަންސޭސިވިލާތުން ބުނީ އެ މައްސަލަތަކަށް ސަމާލުކަން ދިނުމުން ދިފާޢީ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ހުރަސްއެޅޭނެކަމަށެވެ.

ނޭޓޯގެ މެންބަރު ޤައުމުތަކުން އަންނަ ހަފުތާގެ ތެރޭގައި ބެލްޖިޔަމްގެ ބްރަސަލްސްގައި ބައްދަލުކުރުމަށްދަނީ ތައްޔާރުވަމުންނެވެ.