ޚަބަރު

ކޯވިޑް ފެނި، ޖީ7 ބައިވެރިން ހޮޓަލެއް ބަންދުކޮށްފި


ޖޫން މަހުގެ 6ވަނަ ދުވަހުން 8ވަނަ ދުވަހަށް އިނގިރޭސިވިލާތުގައި ބާއްވައި ޖީ7ގެ ބައްދަލުވުމުގައި ބައިވެރިވާ ޖަރުމަނުވިލާތުގެ ވަފުދު މަޑުކޮށްގެންތިބި ހޮޓަލުން ކޯވިޑް-19 ފެނި އެ ހޮޓާ ބަންދުކޮށްފިއެވެ.

ޖަރުމަނުވިލާތުގެ ވަފުދު ތިބީ ބައްދަލުވުން ބާއްވާ އިނގިރޭސިވިލާތުގެ ކޯންވޯލާ ޖެހިޖެން އޮންނަ ސެއިންޓް އައިވްސް އަވަށުގެ ދަ ޕެޑަން އޮލްވާ ކިޔާ ހޮޓަލެއްގައެވެ. އެ ހޮޓަލުގެ ވެރިފަރާތުން ބުނީ ހޮޓަލުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ކޯވިޑް-19 ޖެހުމުން އެ ހޮޓާ ވަގުތީ ގޮތުން ބަންދުކޮށްފައިވާކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ހޮޓަލުގައި ތިބި މެހެމާނުންގެ ތެރޭގައި ޖަރުމަނުވިލާތުގެ ވަފުދަށް ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި އެމެރިކާގެ ނޫސްއިދާރާއަކަށް މަސައްކަތްކުރާ ނޫސްވެރިންގެ ޓީމެއްވެސް ހިމެނެއެވެ.

ހޮޓަލުގެ ވެރިފަރާތުން ބުނީ މި ޙާލަތުގައި އެ ހޮޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މެހެމާނުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ހޮޓާ ބަންދުކުރުމަށް ނިންމިކަމަށެވެ. އަދި މުޅި އިމާރާތުން ޖަރާސީމު ފިލުވައި ސާފުކުރުމަށްފަހު އަދި ތަން ހިންގޭވަރަށް މުވައްޒަފުން މަސައްކަތަށް ނުކުތުމުން އަލުން ހޮޓާ ހުޅުވާނެކަމަށެވެ.