ދުނިޔޭގެ ވިޔަފާރި

އެމެރިކާއިން ޤައުމުތަކަށް 500 މިލިއަން ޑޯޒް ހިލޭ


އަންނަ އަހަރު ނިމުމުގެ ކުރިން 100 ޤައުމަކަށް 500 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެމެރިކާގެ ވެކްސިން އުފައްދާ ކުންފުނިތަކާއި އެކު ރައީސް ބައިޑަންގެ ސަރުކާރުން އެއްބަސްވެއްޖެއެވެ. ޔޫރަޕްގެ ލީޑަރުންނާއެކު ބައިޑަން ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް ބައްދަލުވުންތަކަށް ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރިކޮށްދިނުމަށް ބައިޑަން އަށްވަނީ ވަރަށް ބޮޑު ޕްރެޝަރަކާއި ކުރިމަތިލާންޖެހިފައެވެ.

ތިންދުވަހުގެ މުއްދަތަށް އިނގިރޭސިވިލާތުގެ ކޯންވެލްގައި ދުނިޔޭގެ އެންމެ މުއްސަނދި ހަތް ޤައުމުން ކުރިޔަށްގެންދާ ބައްދަލުވުމުގައި ވެކްސިނާއި ގުޅޭގޮތުން އެމެރިކާއިންނިންމާފައިވާ މިނިންމުން ޢިއުލާނުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

އެމެރިކާއިން ވަނީ ފައިޒާ އަދި ބަޔޯއެންޓެކްގެ 200 މިލިއަން ޑޯޒް ވެކްސިން މިއަހަރު ހިލޭ ދޭގޮތަށް ނިންމާފައެވެ. އަދި އަންނަ އަހަރު މެދުތެރޭގައި އަނެއް 300 މިލިއަން ޑޯޒް ދޭން ނިންމާފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ. މަދުން އާމްދަނީ ލިބޭ 92 ޤައުމަކަށާއި އެފްރިކާ އިއްތިޙާދަށް އަންނަ އަހަރު އެމެރިކާ ސަރުކާރުން ވެކްސިން ހަދިޔާ ކުރާނެކަމަށްވެސް އެމެރިކާ ސަރުކާރާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.

ޖީ ސެވަން ޤައުމުތަކުން ކުރިއަށްގެންދާ ބައްދަލުވުންތަކުގެ އެޖެންޑާގެ އެންމެ ކުރީގައިވަނީ ވެކްސިން ފޯރުކޮށްދިނުމުގައި މުއްސަނދި ޤައުމުތަކާއި ފަޤީރު ޤައުމުތަކުގައި ހަމަހަމަކަން ނެތުމުގެ މައްސަލައަށް ޙައްލެއް ހޯދާދިނުމެވެ.

އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ފުޅާދާއިރާއެއްގައި ވެކްސިންދޭން ފެށުމުގެ ސަބަބުން ކޯވިޑްގެ ކޭސްތައް މަދުވެފައިވީނަމަވެސް ބްރެޒިލް އަދި އިންޑިއާ ފަދަ ޤައުމުތަކުގައި ބަލިމަޑުކަމުގެ އަސަރު ވަރަށް ބޮޑަށްކޮށް މި ބަލީގައި މަރުވާ މީހުންވެސް ވަނީ އިތުރުވެފައެވެ. މިއާއެކު މުޅި ދުނިޔެއަށް 11 ބިލިއަން ވެކްސިން ޑޯޒް ބޭނުންވާނެކަމަށް ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމިއްޔާއިންވަނީ ލަފާކޮށްފައެވެ.

80 މިލިއަން ވެކްސިން ޑޯޒް އެހެން ޤައުމުތަކަށް ހަދިޔާ ކުރައްވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އެމެރިކާގެ މިނިވަންދުވަސް ކަމަށްވާ ޖުލައި 4 ވަނަ ދުވަހުގެ ނިޔަލަށް އެޤައުމުގެ ބޮޑެތި މީހުންގެ އާބާދީގެ 70 އިންސައްތައަށް ވެކްސިން ދީ ނިންމުމަކީ ބައިޑަންގެ ސަރުކާރުގެ އަމާޒެއް ނަމަވެސް މިކަން އަދި ހާސިލުވެފައެއް ނުވެއެވެ. އަނެއްކޮޅުން ދެކުނު އަދި މެދުތެރޭ އެމެރިކާގައި ވައިރަހުގެ ކޭސްތައް އިތުރުވަމުންދާތީ ލެޓިން އެމެރިކާއިން މިދިޔަ އަހަރު ކުރިމަތިލާންޖެހުނު ވައިރަހުގެ ރާޅަށްވުރެ މިއަހަރު ކުރިމަތިވާ ރާޅު ބޮޑުވާނެކަމަށް ޕޭން އެމެރިކަން ހެލްތު އޮގަނައިޒޭޝަނުން ދަނީ އިންޒާރުދެމުންނެވެ.