ވިޔަފާރި

ބައްލަވުންތަކަށް ހިތްގައިމު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރަނީ


ޓްރެވަލް މީޓް އޭޝިއާގެ ތިންވަނަ ވާރޗުއަލް އިވެންޓް، މައިސް އެންޑް ކޯރަޕަރޭޓް ވާރޗުއަލް ރޯޑް ޝޯވްގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

މި ރޯޑް ޝޯވް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 9 އަކުން 10 އަކަށެވެ. އައިޓީބީ އޭޝިއާގެ ފަރާތުން ބާއްވާ ޓްރެވަލް މީޓް އޭޝިއާއަކީ މިއަހަރުގެ އެކި މަސްތަކަށް ބަހާލައިގެން އޭޝިއާ މާކެޓަށް ހާއްސަކޮށްގެން ބާއްވާ ވާރޗުއަލް ރޯޑްޝޯތަކެކެވެ.

އެމްއެމްޕީއާރުސީއާއި އެކު ރާއްޖެއިން ޒެލްޑީވާ ލަކްޒަރީއިންވަނީ މި ރޯޑްޝޯވްގައި ބައިވެރިވެފައެވެ.
އޭޝިއާގެ ބިސްނަސް ޓްރެވަލް މާކެޓް ހަލުވިކަމާއި އެކު ކުރިއަރަމުންދާއިރު، މި ރޯޑްޝޯވްގެ ތެރެއިން ކުންފުނިތަކާއި ބައްދަލުކޮށް ރާއްޖޭގައި ލިބެން ހުރި ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކޮށް ރާއްޖޭގައި ކުންފުނިތަކުގެ ބައްދަލުވުންތަކާއި ހަފްލާތައް ބޭއްވުމަށް ހުރި ފުރުސަތުތަކާއިގުޅޭ މައުލޫމާތުވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ކޮންފަރެންސްތަކާއި މީޓިންތައް ރާއްޖޭގެ ހިތްގައިމު ބީޗްތަކުގައާއި އެހެނިހެން ތަފާތު މާހަލުތަކުގައި ބޭއްވޭނެކަމާއި އެކަމާއި ގުޅޭ މައުލޫމާތު ރޯޑްޝޯވްގެ ބައިވެރިންނާއި ހިއްސާކޮށްފައިކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

އޭޝިއާގެ ޤައުމުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް 2742 ފަތުރުވެރިންވަނީ އައިސްފައެވެ. އަދި ދެކުނު އޭޝިއާގެ ޤައުމުތަކުން މި މުއްދަތުގައިވަނީ 93742 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.