ޚަބަރު

ކޯވިޑާއި ގުޅިގެން ޖަލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި


ޖަލުތަކުގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ 186 މީހުން އެބަތިބި ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރްޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ 9 ޖޫން 2021 ވީ ބުދަ ދުވަހުގެ ނިޔަލަށް ޖަލުތަކުގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ 186 މީހުން ތިބި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އައްސޭރި ޖަލުން ޕޮޒިޓިވްވެފައިވާ 75 މީހުންނާއި، މާލޭ ޖަލުން ޕޮޒިޓިވްވެފައިވާ 111 މީހުންނެވެ.

ކޯވިޑާއި ގުޅިގެން ޖަލުތަކުގެ ޙާލަތު އިހުނަށް ވުރެ ރަނގަޅު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅާފައިވާކަމަށާއި އެގޮތުން ޖަލުގެ ގޮޅިތައް ޑިސްއިންފެކްޓުކުރުމާއި، ސާފުކުރުމުގެ މަސައްކަތް ތާވަލްކޮށްގެން ކުރިޔަށްވުރެ އިތުރަށް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި އެޗްޕީއޭގެ ޤަވާއިދުތަކާއި ގައިޑްލައިނާއި އެއްގޮތަށް ޤައިދީންގެ އަމަލުތައް ބެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ގައިދީންނަށް ގިނައިން އަތްދޮވުމާއި ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ މިފަދަ ކަންތައްތައް ކުރުމަށް ލުއިތަކެއްވަނީ ދީފައެވެ. ހަމައެއާއެކު، ކޯވިޑުން ރައްކާތެރިވެ ތިބުމަށް ކޮންމެ ދުވަހަކުވެސް ގައިދީންގެ ޓެމްޕަރޭޗަރ ބަލާކަމަށާއި، ކޯވިޑް ބަލީގެ އަލާމާތެއް ފެންނަ ގައިދީން އެހެން ގައިދީންނާއި އެކަހެރިކޮށް ވަކި ސެލްތަކެއްގައި ކަރަންޓީނު ކުރާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަދި ގައިދީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައިވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަމުންދާކަމަށާއި، ކޯވިޑް ފެތުރުނަ ނުދިނުމުގެ ގޮތުން އޮފިސަރެއްގެ ކިބައިންވެސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވަގުތީ ގޮތުން މަސައްކާތާ ދުރުކޮށް ކަރަންޓީން ކުރާކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.

ހަމައެއާއެކު މިފަދަ ޙާލަތެއްގައި ދިމާވެދާނެ ސިއްޙީ ނުރައްކާތެރި ކަަމަކުން އަރައިގަތުމަށް، މާފުށި ޖަލާއި، އައްސޭރި ޖަލާއި، މާލޭ އަދި ހުޅުމާލޭ ޖަލުގައި ޑޮކްޓަރުންނާއި މެޑިކަލް ޔުނިތައް ޤާއިމްކުރެވިފައިވާކަމާއި، ޖަލުގެ ޙާލަތްތައް އެޗްޕީއޭއިން މޮނީޓަރ ކުރަމުންދަނީ ޖަލުގައި ޤާއިމްކުރެވިފައިވާ މެޑިކަލް ޔުނިޓްތަކާއި ގުޅިގެންކަމަށް ވެސް އޭނާ ވިދާޅުވެއެވެ.