ޚަބަރު

ގަލްފުގެ ޤައުމުތަކުން އީރާނާ މަޝްވަރާކުރުން ނޫން އެހެން ގޮތެއް ނެތް


އީރާނާމެދު އޮންނަ ނުތަނަވަސްކަން ކުޑަކުރުމަށް ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއިން މަޝްވަރާކުރަން ނިންމައިފިއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އީރާނުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިން ބައިވެރިވެފައިވެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ. އެމެރިކާއިންވަނީ އެއްބަސްވުމުގައި އަލުން ބައިވެރިވުމުގެ ޝައުޤުވެރިކަން ފައުޅުކޮށްފައެވެ. އެއާއެކު އެ އެއްބަސްވުމުގައި މުހިންމު ގިނަ މައްސަލަތަކެއް ދޫވެފައިވާކަމަށް ބުނެ އެއްބަސްވުމާ އަބަދުވެސް ދެކޮޅު ހަދަމުންދާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއަށްވަނީ އީރާނާއެކު މުޢާމަލާތުކުރުމަށް މަޖުބޫރުވެފައެވެ.

އެއްބަސްވުމަށް އަލުން ޢަމަލުކުރަން ނިންމުމަށް އޮސްޓުރިޔާގެ ވެރިރަށް ވިޔެނާގައި ދުނިޔޭގެ ބާރުތަކުން ދަނީ އިރާނާއެކު މަޝްވަރާތައް ކުރަމުންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންވަނީ އެމެރިކާއިން އެއްބަސްވުން އަލުން ރުޖޫޢަކުރަން ބޭނުންވާކަމަށާއި އިތުރު އެހެން މައްސަލަތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރާނީ އެ ގުޅުން އަލުން ޤާއިމުކޮށްގެންކަމަށް ވިދާޅުވެފައެވެ.
އީރާނުގެ ވާގިވެރިވާ ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާއިން އިސްވެ ހަނގުރާމަކުރަމުންދާ ދަނޑިވަޅެއްގައި އިރާނާ ގުޅުންހުރި އެހެން މައްސަލަތަކަށް އަވަސް ޙައްލެއް ނުހޯދައި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއިން ޤަބޫލެއް ނުކުރެއެވެ. އެމެރިކާއިން ނިޔުކްލިޔަރ އެއްބަސްވުމުގައި އަލުން ބައިވެރިވި ނަމަވެސް ސަރަޙައްދީ ސަލާމަތާގުޅޭ ނުރައްކާތަކާ ގުޅޭގޮތުން މަޝްވަރާނުކޮށް ދޫކޮށްލެވެން ނެތްކަމަށް އެ ދެ ޤައުމުން ޤަބޫލުކުރެއެވެ. ވިއެނާގައި ކުރިއަށްދާ މަޝްވަރާތަކުގައި އެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއިން އެދުނު ނަމަވެސް އެ ދެ ޤައުމަށް އެ ފުރުޞަތު ދީފައެއް ނުވެއެވެ. އެއާއެކު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ޒަޢާމަތުގައި ޢަރަބި ޤައުމުތަކަށް ދިން އަޙަންމިއްޔަތު މިހާރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އެ ޤައުމުތަކަށް ނުދޭކަމަށް ޤަބޫލުކުރެވެއެވެ.

ވިއެނާގައި ކުރިއަށްދާ މަޝްވަރާތަކުގައި ގޮތެއް ނިންމަންދެން މަޑުނުކޮށް ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ރަސްމީ މަޝްވަރާތައް ކުރުމަށް ޢިރާޤުން އިސްވެ މިދިޔަ އޭޕުރިލް މަހުގެ ތެރޭގައި ހުށަހަޅާފައިވާ ހުށައެޅުން ސަޢުދީ ޢަރަބިއްޔާއިން ޤަބޫލުކޮށްފައިވާކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން ބުނެފައިވެއެވެ.