ވިޔަފާރި

ޓޫރިޒަމް ދާއިރާގެ ބައެއް ޓެކްސްތައް ދެއްކުމުގެ ސުންގަޑި ފަސްކޮށްދީފި

ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ބަޔާނާއި ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި، އެ ބަޔާންތަކާ ގުޅޭ ފައިސާ ދެއްކުމުގެ ސުންގަޑި މިމަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްދީފިއެވެ.

މީރާއިން ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށާއި، މި ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ރިޢާޔަތްކޮށް، މިއަހަރުގެ އެޕްރީލް މަހަށް ހުށަހަޅަންޖެހޭ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ބަޔާނާއި ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި، އެ ބަޔާންތަކާ ގުޅޭ ފައިސާ ދެއްކުމުގެ ސުންގަޑި މިމަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްދީފައިވާ ކަަމަށެވެ.

އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތައް ފަސްކޮށްދީފައިވާކަމަށެވެ. އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން މިދިޔަމަހުގެ 27 ވަނަ ދުވަހުން ފެށިގެން މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތް ދޭން ފަށާ ދުވަހާ ދެމެދު އަންނަ ސުންގަޑިތައްވެސް ފަސްކޮށްދީފައިވާކަމަށް މީރާއިން ހާމަކުރެއެވެ.

މީރާއިން ވިދާޅުވީ ފަސްކޮށްދީފައިވާ ސުންގަޑިތަކުގެ އައު ސުންގަޑިތައް މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތް ދޭން ފެށުމުން އިޢުލާންކުރާނެ ކަމަށެވެ.

މީރާއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާތީ، ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ޚިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން އޮންލައިންކޮށް ޚިދުމަތް ހޯދުމަށް މީރާއިން އިލްތިމާސްކުރެއެވެ.