ކުޅިވަރު

ދެވަނަ ބުރު ޔަޤީން ނުވަނީ ދެ އަތޮޅަކުން


ދެ އަތޮޅެއް ފިޔަވައި، ރާއްޖޭގެ ހުރިހާ އަތޮޅަކުން މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ދެވަނަބުރަށް ދިޔަ ޓީމްތައް ކަށަވަރުވެއްޖެއެވެ. މިމުބާރާތުގެ ދެވަނަބުރުން ޖާގަ ހޯދި ޓީމްތަކަކީ، ހއ.އަތޮޅުން ފިއްލަދޫ، ހދ.އަތޮޅުން ނޮޅިވަރަމް، ށ.ފޯކައިދޫ، ނ.މާފަރު، ރ.ދުވާފަރު، ބ.އޭދަފުށި، ޅ.ހިންނަވަރު، ކ.ގުރައިދޫ، އއ.ތޮއްޑޫ، އދ.މާމިގިލި، ވ.ފެލިދޫ، މ.ވޭވަށް، ފ.ނިލަންދޫ، ދ.މާއެނބޫދޫ، ތ.ކިނބިދޫ، ލ.ގަން، ފުވައްމުލައް ދަޑިމަގު އަދި އައްޑު އަތޮޅު ފޭދޫއެވެ. ދެވަނަބުރުގެ ޖާގަ ކަށަވަރުނުވަނީ ގއ.އަތޮޅާއި ގދ.އަތޮޅުންނެވެ. މިދެއަތޮޅުގައި އެންމެ ފަހުން ކުޅުނު މެޗްތަކުގައި ގިނަ މައްސަލަތަކެއް ޖެހިފައިވާތީ މިދެއަތޮޅުން ދެވަނަ ބުރުގެ ޖާގަ ލިބޭ ޓީމްތައް ކަށަވަރުވާނީ އެފްއޭއެމުން ބަލަންޖެހޭ ބައެއް ކަންކަން ބެލުމަށްފަހު ކަމަށް އެފްއޭއިން މަޢުލޫމާތުދެއްވައެވެ. ދެވަނަބުރުގެ ކުޅުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުތުރުން ކުޅުދުއްފުށީގައެވެ. އަދި ދެކުނުން އައްޑުއަތޮޅު ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ. ދެވަނަބުރުގެ ކުޅުން ވީހާވެސް އަވަހަކަށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެފްއޭމުން މަޢުލޫމާތުދެއްވައެވެ.