ޚަބަރު

އދގެ އާއްމު މަޖިލީހުގެ ރައީސްގެ ޚާއްސަ މަންދޫބަކަށް ތިލްމީޒާ


އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާހިދު، ޚާއްސަ މަންދޫބަކަށް ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ހަމަޖައްސަވައިފިއެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ އާއްމު މަޖިލީހުގެ ރައީސްގެ ޗީފް އޮފް ސްޓަފަކަށް ނުވަތަ ޗެފް ޑި ކެބިނެޓްގެ މަޤާމަށްވެސް ބޭފުޅަކު އައްޔަންކުރައްވާފައެވެ. މި މަޤާމަށް އައްޔަންކުރައްވާފައިވަނީ އިންޑިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ ނަގަރާޖް ނައިޑޫ ކުމާރެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުގައި ހިމެނެނީ ޗީފް އޮސް ސްޓަފާކާއި ސީނިއަރ ކެބިނެޓަކާއި އެޑްމިނިސްޓްރޭޓީވް ޑިޕާޓްމެންޓަކާއި ކޮމިއުނިކޭޝަން އެންޑް މީޑިއާ ޑިޕާޓްމެންޓަކާއި ޕީސް އެންޑް ސެކިއުރިޓި ޑިޕާޓްމެންޓަކާއި ސަސްޓެނައިބަލް ޑިވިލޮޕްމެންޓަށް ހާއްސަ ބަޔަކާއި ހިއުމަން ރައިޓްސް އެންޑް ހިއުމެނެޓޭރިއަނަށް ހާއްސަ ބަޔަކާއި ރިޕޯރމް ލީގަލް އެންޑް ބަޖެޓަށް ހާއްސަ ޑިޕާޓްމެންޓެކެވެ.

އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އދގެ އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ޤާއިމްކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ، އެކި ޤައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތައްވެސް ހިމެނޭނެކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ މިހާރު ހިނގަމުންދާ އދގެ އާއްމު މަޖިލީހުގެ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރް އާއި އިއްޔެ އދގެ މައި މަރުކަޒުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، އިންތިޚާބުގައި ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި އަދި ކުރިއަށް ހުރި މަސައްކަތްތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ބޮޒްކިރްގެ ތަޖުރިބާ ހިއްސާކުރެއްވިކަމަށްޓަކައި މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.