ވިޔަފާރި

މާލޭ މަސްމާރުކޭޓުގައި އަށިމަތީ މަސް ވިއްކޭނެ ގޮތް ހަދައިދީފި

މާލޭ ލޯކަލް މަސް މާރުކެޓުގައި އަށިމަތީގައި ބަހައްޓައިގެން މަސް ވިއްކޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މަސް މާރުކޭޓުގައި މަސް ވިއްކާ އުސޫލަށް ބަދަލު ގެންނަން ނިންމީ މަހުގެ ތާޒާކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް މަސް ވިއްކުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ކަމަށެވެ.

މީގެކުރިން މަސް މާރުކެޓުގައި މަސް ވިއްކަމުން އައީ އައިސް ފޮށިތަކުގައިއެވެ.

މަސް މާރުކޭޓުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ކައުންސިލުން ވަނީ މަސްވެރިންނާއި މަސް ގަނެ ވިއްކާ ފަރާތްތަކާއެކު މަޝްވަރާތައްކޮށްފައެވެ. އަދި ކުރިއަށް އޮތްތާނގައި އިތުރު ބަދަލުތައް މަސްމާރުކޭޓަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން އެތަނުން ދޭ ޚިދުމަތާއި ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނެކަމަށް ކައުންސިލުން ހާމަކުރެއެވެ.

މަސް މާރުކޭޓަށް ގެންނަން ނިންމާފައިވާ އިތުރު ބަދަލުތަކުގެތެރޭގައި މަސްމާރުކޭޓްގައި މަސްވެރިންނާއި، މަސް ގަނެ ވިއްކާ މީހުންނަށް މާރުކޭޓުން ހަމަހަމަ ފުރުޞަތު ދިނުމުގެ ގޮތުން ގުރުއަތު ނަގައިގެން އަށި ދޫކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުދި މަސް ވިއްކާ ގޮޅިތައް ކުރިން، ހަފްތާ ބަންދުގައި ދޫނުކުރިނަމަވެސް، މިހާރު ހުކުރު ދުވަހުވެސް ކުދި މަސް ވިއްކޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި އެން ހިފައިގެން އަންނަ މަސްވެރިންނަށް ބަނދަރުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއްވެސް ހަމަޖައްސާފައިވާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.