މުނިފޫހިފިލުވުން

ފުރަބަންދަށްފަހު ފުރަތަމަ ޝޫޓްކުރާ ފިލްމަކަށް "ގަންގޫބާއީ ކާތިއާވާދީ"


އިންޑިއާގައި ހަލުވިކަމާއެކު ފެތުރެން ފެށި ކޯވިޑްބަލިމަޑުކަމުގެ ސަބަބުން ޝޫޓިންތައް ހުއްޓާލަންޖެހުނު ފިލްމު "ގަންގޫބާއީ ކާތިއާވާދީ" ގެ ޝޫޓިންތައް އަލުން ފަށަން ނިންމައިފިއެވެ. ފިލްމުގެ ޓީމަށް ވެކްސިން ޑޯޒް ފުރިހަމަކުރުމަށްފަހު އައު ފިޔަވަޅުތަކަކާއެކު ފިލްމުގެ ޝޫޓިން މިމަހުގެ 15 ދުވަހު ފަށންވަނީ ނިންމާފައެވެ. މިއާއެކު މި ފިލްމު ވެގެންދާނީ ކޯވިޑްގެ ބަލިމަޑުކަމަށްފަހު ޝޫޓިން ފަށާ ފުރަތަމަ ފިލްމަށެވެ.

ބަލިމަޑުކާމާއި ހެދި ދުވަހު މުސާރަވެރިންނާއި ޖޫނިއަރ އާޓިސްޓުން އަދި ބެކްގަރައުންޑް ނެށުންތެރިންނަށްވެސް ދަތިވެފައިވާ މި ދަނޑިވަޅުގައި ފިޔަވަޅުތަކާއެކީ ޝޫޓިންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބުނުކަމުގައިވިޔަސް ގިނަ ބަޔަކު އެއްވެގެން ނަށާ ނެށުމާއި އެނޫންވެސް ކަންކަންވަނީ މުޅިން މަނާކޮށްފައެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް އަނެއްކާވެސް ދަތިވެގެންދާނެއެވެ.

ސަންޖޭލީލާ ބަންސާލީ ޑައިރެކްޓްކުރާ ބަޔޯގްރޮފިކަލް ކްރައިމް ޑްރާމާ "ގަންގޫބާއީ ކާތިއާވާދީ" އަކީ އިންޑީއާގެ އުޅުނު އަންހެން ގޭންގްސްޓާރެއްކަމަށްވާ ގަންގޫބާއީ ކަތިއާވާދީގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމު ހަދަނީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ހުސެއިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ" އަށެވެ.

"ގަލީބޯއީ" ގެ ތަރި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގައި އާލިއާގެ އިތުރުން ވިޖޭ ރާޒް، އިންދިރާ ތިވާރީ އަދި ސީމާ ޕަވާ ފެނިގެންދާނެއެވެ. މީގެއިތުރުން އަޖޭ ދޭވްގަން އަދި އިމްރާ ހާޝްމީވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ. ޖަޔަންތީލާލް ގާދާ އަދި ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރުމަށް ތާވަލު ކޮށްފައިވަނީ އަންނަ މަހު 30 ގައެވެ.