މުނިފޫހިފިލުވުން

"ސްކައި ފޯލް"ގެ ސްޓަންޓްމޭން މިފަހަރު ޓައިގަރގެ ގޮތުގައި


2014 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް އެކްޝަން ފިލްމު "ހީރޯޕަންޓީ" އަކީ ބޮލީވުޑް ތަރި ޓައިގަރ ޝްރޮފް ހިންދީ ސިނަމާތަކަށް ތަޢާރަފު ވެގެންދިޔަ ފިލްމެވެ. މި ފިލްމުގައި ޓައިގަރ ގެ ބައިވެރިޔާގެ ރޯލުން ފެނިގެންދިޔަ ކްރިތީ ސެނޮންއަށް ވަނީ ފިލްމު ފެއަރ އެވޯޑްގައި އެ އަހަރުގެ އަލަށް ނުކުތް އެންމެ މޮޅު ތަރީގެ އެވޯޑް އުފުލާލާފައެވެ.

މި ފިލްމަށްފަހު އެކްޝަން ހީރޯއެއްގެ ގޮތުގައި މަޝްހޫރުވެގެންދިޔަ ޓައިގަރ "ސްޓޫޑަންޓް އޮފް ދަ ޔިއަރ 2" ގެ ތަރި ތާރާ ސިތާރާއަޢެކު ފަށާފައިވާ "ހީރޯޕަންޓީ" ގެ ސީކުއަލް "ހީރޯޕަންޓީ 2" ގެ މަސައްކަތް އިންޑިއާގެ ކޯވިޑްގެ ޙާލަތާއި ހެދި ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް ފިލްމުގެ މަސައްކަތް މި ވަނީ ފަށާފައެވެ.

އަޙުމަދު ޚާން ޑައިރެކްޓްކޮށް ސާޖިދު ނަދިއާދްވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން އަށް ފިލްމުގެ ޓީމުން އަންނަމަހު ރަޝިއާއަށް ފުރަން ވަނީ ހަމަޖެހިފައެވެ. ރަޝިއާގެ ވެރިރަށް މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާރގް ގައި ވެސް ފިލްމު މަންޒަރުތައް ޝޫޓް ކުރުމަށް ވަނީ ނިންމާފައެވެ.

ފިލްމުގެ ޓީމާއި ޙަވާލާދީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފިލްމުގެ ގިނަ އެކްޝަން ސީންތަކެއް ރަޝިއާގައި ނަގަން ހަމަޖެހިފައިވާކަމާއި އަދި މިހާރު ޓީމުން ދަނީ ރަޝިއާގެ ޓީމަކާއެކު މަންޒަރުތައް ނަގަން ރަގަޅު ތަންތަން ބަލަމުންނެވެ. މީގެއިތުރުން އެކްޝަން ސީންތައް ފެންވަރު ރަގަޅުކުރުމުގެ ގޮތުން ގިނަ ސްޓަންޓް ޑިޒައިނަރުންނާއި ވާހަކަދައްކަމުންދާކަމާއި 2012 ގައި ދެއްކި "ސްކައި ފޯލް" 2007 ވަނަ އަހަރު ދެއްކި "ބޯނޭ އަލްމޭޓަމް" އަދި 2004 ވަނަ ދެއްކި "ބޯނޭ ސުޕަރމެސީ" ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ މާޓިން އިވާނޯ އަކީ މިގޮތަށް ވާހަކަދައްކާ އެ ސްޓަންޓް ޑިޒައިނަރު ކަމަށްވެސް ޓީމުން ބުނެއެވެ.

މިދިޔަ އަހަރު ފެބްރުއަރީމަހު ފިލްމުގެ ފުރަތަމަ ލުކް ދައްކާލާފައިވާ މި ފިލްމު ރިލީޒް ކުރުން ތާވަލް ކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރު 3 ވަނަ ދުވަހުއެވެ. ޓައިގަރ އަދި ތާރާގެ އިތުރުން ފިލްމުގެ ދެން ފެނިގެންދާ އެކްޓަރ ނަވާޒުއްދީން ސިއްދީޤީ ފެންނާނީ ނެގެޓިޒް ރޯލަކުންނެވެ.