ޚަބަރު

އިތުރު ދަޢުރަކަށް ގުތޭޚެޝް ޢައްޔަނުކުރުމަށް ސަލާމަތީ މަޖިލީހުން ތާޢީދުކޮށްފި


އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތޭޚެޝް ދެވަނަ ދަޢުރަކަށް ޢައްޔަނުކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ތާޢީދުކޮށްފިއެވެ.

އދގެ ސެކެޓުރީ ޖެނެރަލްގެ މަޤާމަށް ގުތޭޚެޝް ޢައްޔަނުކޮށްފައިވަނީ 2017ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭނާގެ ފަސް އަހަރުގެ ދަޢުރު އަންނަ ޑިސެންބަރު މަހުގެ 31ވަނަ ދުވަހު ހަމަވާނެއެވެ.

އދގެ ސަލާމަތީ މަޖިލީހުންވަނީ އިތުރު ދަޢުރަކަށް ގުތޭޚެޝް ޢައްޔަނުކުރުމަށް ތާޢީދުކުރާކަމަށް ބުނެފައެވެ. އެ މަޖިލީހުންވަނީ 193 މެންބަރުންގެ މައްޗަށް އެކުލެވޭ އދގެ ޢާންމު މަޖިލީހުން އިތުރު ދަޢުރަކަށް ގުތޭޚެޝަ ޢައްޔަނުކުރުމަށް ރުހުން ދިނުމަށް ލަފާދޭކަމަށް ބުނެފައެވެ. އައު ދަޢުރު ފެށޭނީ 2022ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުއެވެ. ޖޫން މަހުގެ 19ވަނަ ދުވަހު އދގެ ޢާންމު މަޖިލީހުން ގުތޭޚެޝް އިތުރު ދަޢުރަކަށް ޢައްޔަނުކުރާނެކަމަށް ބެލެވެއެވެ.

މީގެ ކުރިން ޕޯޗުގަލްގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ ގުތޭޚެޝް ވިދާޅުވީ ސަލާމަތީ މަޖިލީހުން އޭނާއަށް އިތުބާރުކުރުމުން އުފާކުރައްވައިކަމަށެވެ. ސެކެޓުރީ ޖެނެރަލުގެ ގޮތުގައި އިތުރު ދަޢުރެއް ފުރިހަމަ ކުރެއްވުމުގެ ފުރުޞަތު ޢާންމު މަޖިލީހުން ދޭނެކަމަށް އުންމީދުކުރައްވައިކަމަށްވެސް ގުތޭޚެޝް ވިދާޅުވިއެވެ.

ޢުމުރުން 72 އަހަރުގެ ގުތޭޚެޝްގެ ފުރަތަމަ ދަޢުރުގެ ތެރޭގައި ސޫރިޔާއާއި ޔަމަނުފަދަ ޤައުމުތަކަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘާތަކަށް ޙައްލު ހޯދުމަށް އދން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިޔަންމާއާއި އިތިޔޮޕިޔާއަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ޒިންމާވެސް އޮތީ އދށެވެ.

އދން ބުނެފައިވަނީ ގުތޭޚެޝަކީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރައްވައި އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުއްލަވައި ބޭފުޅެއްކަމަށެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ހިޔުމަން ރައިޓްސް ވޮޗުންވަނީ މިޔަންމާއާއި ބެލަރުސްގައި ހިންގާފައިވާ ޖަރީމާތަކާ ދެކޮޅަށް ގުތޭޚެޝް އަޑުއުފުއްލަވާފައިވާކަން ފާހަގަކޮށްފައެވެ. ކުރިއަށް އޮތް ދަޢުރުގައި އެގޮތަށް ޗައިނާއާއި ރަޝިޔާއާއި އެމެރިކާފަދަ ބޮޑެތި ޤައުމުތަކުން އިންސާނީ ހައްޤުތަކާ ދެކޮޅަށް ކުރާ ޢަމަލުތަކާ ދެކޮޅަށް އޭނާ އަޑުއުފުއްލަވާނެކަމަށް އުންމީދުކުރާކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.