ޚަބަރު

25 އަހަރަށްފަހު ބޮސްނިޔާގެ ޤަތުލުޢާންމުގެ ޝަރީޢަތްތައް ނިމުމަކަށް


ބޮސްނިޔާ ހަނގުރާމާގައި ބޮޑެތި ޤަތުލުޢާންމުތަކެއް ހިންގާފައިވާ ސާބުންގެ ކުރީގެ އަސްކަރީވެރިޔާ ރަތުކޯ މާދިޗުގެ މައްޗަށް ކޮށްފައިވާ ޙުކުމު އދގެ އިންޓަނޭޝަނަލް ކުރިމިނަލް ޓުރައިބިޔުނަލް ފޮރ ދަ ފޯމަރ ޔޫގޮސްލޭވިޔާ، އައިސީޓީވައިން ދަމަހައްޓައިފިއެވެ. އެއާއެކު ބޮސްނިޔާ ހަނގުރާމާގައި ހިންގާފައިވާ ޤަތުލުޢާންމުތަކާއި ޖަރީމާތަކުގެ ޝަރީޢަތްތައް 25 އަހަރަށްފަހު ނިމުމަކަށްވަނީ އައިސްފައެވެ. އެ މުއްދަތުގެ ތެރޭގައި 90 މީހެއްގެ މައްޗަށް ޙުކުމުކޮށްފައިވެއެވެ.

1992ވަނަ އަހަރުން 1995ވަނަ އަހަރަށް ބޮސްނިޔާގައި ކުރި ހަނގުރާމައިގައި ސާބިޔާގެ ލަޝްކަރުތަކާ ޙަވާލުވެ ހުރީ މާދިޗެވެ. ބޮސްނިޔާގެ ވެރިރަށް ސަރައޭވޯގެ ރައްޔިތުންނާ ދެކޮޅަށް އޭނާ އިސްވެ ހުރެ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހިންގާފައިވާކަމަށާއި ބޮސްނިޔާގެ 8،000އަށްވުރެ ގިނަ ފިރިހެނުންނާއި ފިރިހެން ކުދިން މެރުމަށް ޢަމުރުކުރިކަން އޭނާގެ މައްޗަށް ސާބިތުވީ 2017ވަނަ އަހަރުގެ ތެރޭގައެވެ. އެއާއެކު ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

ބޮސްނިޔާގެ ޤާތިލުގެ ނަމުން މަޝްހޫރުވެފައިވާ މާދިޗުވަނީ އޭނާގެ މައްޗަށް ކުރި ޙުކުމު އިސްތިޢުނާފުކޮށްފައެވެ. އޭނާގެ ޤާނޫނީ ވަކީލުން ބުނީ އޭނާގެ ދަށުން މަސައްކަތްކޮށްފައިވާ ބަޔަކު ހިންގި ޖަރީމާތަކުގެ ޒިންމާ އޭނާ އުފުލަން ނުޖެހޭނެކަމަށެވެ.

އދގެ އިސްތިޢުނާފީ ކޯޓުން ބުނީ މާދިޗު ހުށަހަޅާފައިވާ އިސްތިޢުނާފު ބަލައިނުގަންނަކަމަށާއި އޭނާއަށް ކުރިން އިއްވާފައިވާ ޙުކުމަށް ފުރިހަމައަށް ތާއީދުކުރާކަމަށެވެ. އދގެ ޓުރައިބިއުނަލުގައި މާދިޗާ ދެކޮޅަށް ވަކާލާތުކުރި ވަކީލުން ބުނެފައިވަނީ ދުނިޔޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ އަނިޔާވެރި އަދި ނުލަފާ މީހުންގެ ތެރޭގައި މާދިޗުގެ ނަން ފާހަގަކުރަންޖެހޭނެކަމަށެވެ.

ބޮސްނިޔާ ހަނގުރާމައަށްފަހު 16 އަހަރުވަންދެން މާދިޗު ފިލައިގެން އުޅުނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2011ވަނަ އަހަރު ސާބިޔާއިންނެވެ.