ކުޅިވަރު

ޤައުމީ ޓީމު ކުޅުންތެރިން ކަޅު ބޭންޑު އަޅައިގެން ފަރިތަކުރުން ކުރިޔަށް ގެންގޮސްފި


ކުޅިވަރަށް ގިނަ ޚިދުމަތްތަކެއްކޮށްދީފައިވާ މާދިހު އިސްމާއިލް ދާދިފަހުން ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި ޤައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިން ކަޅު ބޭންޑު އަޅައިގެން އެންމެ ފަހުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފިއެވެ.

ފުޓްބޯޅައަށްވެސް އެތައް ޚީދުމަތްތަކެއް ކޮށްދީފައިވާ މާދިހު އިސްމާޢީލް ނިޔާވުމާއެކު މުޅި ފުޓްބޯޅަ އާއިލާއިން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. މި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ޤައުމީ ޓީމުގެ ކުޅުންތެރިން ވަނީ އެންމެ ފަހުން ޓީމުން ބޭއްވި ފަރިތަކުރުންތައް ފެށުމުގެ ކުރިން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ. އަދި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ފަރިތަކުރުންތަކުގައި ބައިވެރިވެފައި ވަނީ ކަޅު ބޭންޑް އަޅައިގެންނެވެ.

މާދިހް ނިޔާވުމާއެކު އޭނާ އެންމެ ފަހުން މަސައްކަތްކުރި މާޒިޔާގެ މެނޭޖްމަންޓުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނެފައިވަނީ އެކުލަބުގެ އެންމެންނާއެކު ގާތް ގުޅުމެއް އޮންނަ އެކުވެރި މާދިހު ނިޔާވުމުގެ ޚަބަރު ލިބުނީ ފުން ހިތާމައާއިއެކުގައިކަމަށާއި، އޭނާ ކުލަބަށް ކޮށްދީފައިވާ ކަންތަކަށް ޝުކުރު އަދާކުރާކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، އެފްއޭއެމްގެ އިސްވެރިން އަދި މާދިހާއިއެކު ފުޓްބޯޅައިގެ އެކި ފަންތިތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކުންވަނީ މާދިހުގެ ހަނދާން އައުކޮށް އޭނާ ނިޔާވުމުން ހިތާމަ ފާޅުކޮށްފައެވެ.