ޚަބަރު

ކުށްކުރާ މީހުންގެ ވަނަވަރު ޢާންމުކުރުމުގައި ތަފާތެއް ނުކުރަން: ޢިމްރާން


ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ޢާންމުކުރުމުގައި ފުލުހުން ތަފާތު ނުކުރާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް، ލިޔުމުން ޖަވާބު ހޯއްދެވުމަށް ހުށައެޅުއްވި ސުވާލުތަކަކަށް ދެއްވި ޖަވާބުގައެވެ.

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރާއިރު، ހުރިހާ ފަހަރަކު އެއް އުސޫލުން ޢަމަލު ނުކުރަނީ ކީއްވެތޯ ސާފުކުރުމަށް ހުށައެޅުއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ދިވެހި ފުލުހުން ތަހުގީގްކުރާ ޖިނާޢީ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަބަދުވެސް ހާމަކުރަމުންދަނީ ތަފާތުކުރުމެއްނެތި އާންމުކުރެވޭ އެއް އުސޫލަކުންކަމަށެވެ.

އެގޮތުން ވަނަވަރު ޢާންމުކުރާއިރު ޖިނާއީ ބޮޑެތި ކުށްތަކުގެ ޠަބީއަތާއި ކުށުގެ ކުޑަބޮޑުމިނާއެކު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާއާއި އެމީހަކީ ތަކުރާރުކޮށް ކުށްކުރާ ރެކޯޑު އޮތް މީހެއްތޯއާއި، އެކުށުގެ ޢަމަލަކާއި ޖުމްލަކޮށް މުޅި މުޖުތަމައުގެ މަސްލަހަތު ގުޅިފައި އޮތް މިންވަރުފަދަ ކަންކަމުގެ މައްޗަށް ބައްލަވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

"މީގެ އިތުރުން މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރާއި، އެ މައްސަލައަކާއި އެމީހަކާ އޮތް ގުޅުންބަލައި މައްސަލައާއި ގުޅޭ މައުލޫމާތު ހާމަކުރުމުގައި ހިންގާ ތަހުގީގަށް ހުރަސް ނޭޅޭގޮތަށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ބެލޭކަމަށް ދަންނަވަން." ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

މީކާއީލް ވަނީ މިއަހަރުގެ މެއި 1 ވަނަ ދުވަހު ރަސްފަންނުގައި ބޭއްވި އެއްވުމުން ރޫޅާލުމަށް ފުލުހުން ޢަމަލުކުރިގޮތާއި ގުޅޭގޮތުންވެސް ސުވާލުކުރައްވާފައެވެ. އެ އެއްވުން ރޫޅާލުމަށް ހަރަކާތްތެރިވި ފުލުހުންނަކީ ޓްރެއިނިން ލިބިފައިވާ ބައެއްތޯއާއި ސާރވިސް ނަންބަރު ފެންނަގޮތަށް ހުރިތޯ ސާފުކުރުމަށް ހުށައެޅުއްވި ސުވާލުގެ ޖަވާބުގައި ހޯމް މިނިސްޓަރ ވިދާޅުވީ، 1 މެއި 2021 ވަނަ ދުވަހުގެ ރޭ ރަސްފަންނުގައި ޖިންސީ އަނިޔާއާއި ފުރައްސާރައާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި އެއްވުން ކޮންޓްރޯލްކުރުުމުގައި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތާއި ގުޅޭ މައްސަލައިގެ ތަހުގީގު ނިންމާ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެއް މައްސަލައަާމެދު ގޮތްނިންމުމުގެ މަރުހަލާގައި އޮތްކަަމަށެވެ. އެ އެއްވުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޔުނިފޯމް ހުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް ސާރވިސް ނަންބަރު ފެންނަގޮތަށްކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

"މީގެ އިތުރުން އެރޭގެ މުޒާހަރާ ރޫޅާލުމުގައި "ކުއިކް ރިއެކްޝަން ޓީމު"ގައި ހަރަކާތްތެރިވި 10 ފުލުހުންގެ ތެރެއިން 8 ފުލުހުނަކީ ޕަބްލިކް އޯޑާ ޓްރެއިން ފުރިހަމަކޮށްފައިވާ ފުލުހުންނެވެ. އަދި ބާކީ ފުލުހުންގެ ތެރެއިން 1 ފުލުހަކީ ޕަބްލިކް އޯޑާ ޓްރެއިން ހަދާފައި ނުވިނަމަވެސް ޓީމް ލީޑްކުރަމުން އަންނަތާ އަހަރު ދުވަސްވެފައިވާ ފުލުހެކެވެ. އަދި އަނެއް ފުލުހަކީ މިހާތަނަށް ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯސް ފުރިހަމަކޮށްފައިނުވާ ފުލުހެކެވެ." ހޯމް މިނިސްޓަރ ލިޔުން ދެއްވި ޖަވާބުގައިވެއެވެ.

މެއި 1 ވަނަ ދުވަހުގެ ރޭ، އާންމުން ކުރިޔަށް ގެންދިޔަ އެއްވުމަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖެކެވެ. ކޯވިޑްގެ ހާލަތުގެ ތެރޭގައި ކުރިއަށްގެންދިޔަ އެ އިހުތިޖާޖު ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާ ނުބައްދަލު އަމަލުތަކެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯތަކާއި ފޮޓޯތައް ޢާންމުވިއެވެ. އަދި އިހުތިޖާޖުގައި އެކަށީގެންނުވާ ބާރުގެ ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ފުލުހުންނަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާ ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި "ޔޫސް އޮފް ފޯސް" ރިވިއު ކޮމިޓީން ބަލަން ފަށާފައިވާކަމަށެވެ. އަދި އެ މައްސަލަ ބަލާ ގޮތެއް ނިމެންދެން ފްރޮންޓްލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން އެ ފުލުހުން ދުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.