ދުނިޔޭގެ ވިޔަފާރި

ޖީ7ގެ ނިންމުމާއިމެދު ފަޤީރުކަން ނައްތާލުމަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުގެ ފާޑުކިޔުން


ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެ މަދުމިންވަރު ކަމަށްވާ 15 އިންސައްތައިގެ ޓެކްސްއިން ފައިދާ ކުރާނީ ހަމައެކަނި މުއްސަނދި ޤައުމުތަކަށް ކަމަށް ބުނެ ފަޤީރުކަން ނައްތާލުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މި އެއްބަސްވުމަށް ފާޑުކިޔައިފިއެވެ.

މަލްޓިނޭޝަނަލް ކުންފުނިތަކުން ނެގޭ ޓެކްސްގެ އެންމެ މަދުމިންވަރަކީ 15 އިންސައްތަ ކަމަށް ދުނިޔޭގެ އެންމެ މުއްސަނދި 7 ޤައުމުގެ މާލީ ވަޒީރުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލީ ވަޒީރުންގެ ބައްދަލުވުމުން ނިންމާފައެވެ.

އޮކްސްފާމް އަދި ޔޫރޯޑެޑް ޖަމިއްޔާ އިން ބުނާގޮތުގައި މިކަމުގެ ސަބަބުން ފައިދާ ވާނީ ގިނަ މަލްޓިނޭޝަން ކުންފުނިތަކުގެ އޮފީސްތައް ހުންނަ ޤައުމުތައް ކަމަށްވާ އެމެރިކާ އަދި ޔޫރަޕްގެ ޤައުމުތަކަށެވެ. އަދި މި ކުންފުނިތައް ހިންގާ މެދު ފަންތީގެ އަދި ފަޤީރު ޤައުމުތަކަށް މީގެ ސަބަބުން ލިބޭނީ މި ޓެކްސްގެ ކުޑަ މިންވަރެއްކަމަށެވެ. އަދި މިއެއްބަސްވުމަކީ އެ ޤައުމުތަކަށް ފައިދާވާ ގޮތަށް ހަދާފައިވާ އެއްބަސްވުމެއްކަމަށްވެސް ޔޫރޯޑެޑްއިން ބުނެއެވެ.

ޓެކްސްއާއި ބެހޭ މާހިރެއްކަމުގައިވާ ކްރިސްޓިއަން ހަލުމް ބުނާގޮތުގައި މިއީ ހަމަޔަޤީނުންވެސް ފަޤީރު ޤައުމުތަކަށް ލިބުނު ބޮޑު ނާ އިންސާފެއް ކަމަށާއި މުއްސަނދި ޤައުމުތަކަށް މިކަމުން ބޮޑު ފައިދާއެއް ވާނެކަމަށެވެ. މީގެއިތުރުން ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ޓެކްސް ޖަސްޓިސް ނެޓްވޯރކުންވެސް ވިޔަފާރިތަކުން ނެގޭ ޓެކްސްގެ އެންމެ މަދުމިންވަރަށް އެއްބަސްވެފައިވާ އެއްބަސްވުމަކީ ބޮޑު ނާ އިންސާފެއްކަމަށް ބުނެ ވަނީ ފާޑުކިޔާފައެވެ.

ދާދިފަހުން ހެދި ދިރާސާއެއްގައި ވާގޮތުން ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެ މަދުމިންވަރަކީ 15 އިންސައްތަ ކަމުގައިވާނަމަ މަލްޓިނޭޝަނަލް ކުންފުނިތަކުން ޔޫރަޕްގެ އިއްތިޙާދަށް އިތުރު 50 ބިލިއަން ޔޫރޯ ލިބިގެންދާނެއެވެ.

މި އެއްބަސްވުމަކީ ޓެކްސްގެ ޤަވާއިދު އަލުން މުރާޖާކޮށް ބަދަލު ކުރުމުގެ މަރުޙާލާގެ ތެރެއިން މަލްޓިނޭޝަނަލް ކުންފުނިތައްކަމަށްވާ އަލްފާބެޓް އަދި ފޭސްބުކް ފަދަ ކުންފުނިތަކުން ނަގާ ޓެކްސް އިތުރުކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ. މި ފަދަ ކުންފުނިތަކުން ދިޔައީ މަދުން ޓެކްސް ނަގާ ޤައުމުތައްކަމަށްވާ އަޔަރލޭންޑް، ލަކްސަމްބާރގް އަދި ނެދަރލޭންޑް ފަދަ ޤައުމުތަކުގައި ކުންފުނީގެ އޮފީސްތައް ޤާއިމުކޮށް މަދު މިންވަރެއްގެ ޓެކްސްގެ ގޮތުގައި ދައްކަމުންނެވެ.