ޚަބަރު

"މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021" ބާއްވަން ނިންމައިފި


"މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021" ނަމުގައި ކުއިޒެއް ބާއްވަން ނިންމައިފިއެވެ.

މިއަހަރުގެ މީޑިއާ ކައުންސިލް ކުއިޒް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 2021 ފެށިގެން 30 ޖުލައި 2021 ގެ ނިޔަލަޔަށްކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ. އަދި ކުއިޒުގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ހުޅުވާލާ މުއްދަތަކީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައިވެސް އެބޭފުޅުން ވިދާޅުވެއެވެ. އެހެންކަމުން ކުއިޒުގައި ބައިވެރިވުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ބައިވެރިންނަށް ލިބިގެންދާނެއެވެ.

"މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021" އަށް ރަޖިސްޓަރީވުމުގެ ދުވަސް ކައިރިވުމުން ރަސްމީގޮތެއްގައި އެކަން މީޑިއާ ކައުންސިލްގެ ފޭސްބުކް ޕޭޖް، އިންސްޓަރ ގްރާމް އަދި ޓްވިޓާ މެދުވެރިކޮށް އާންމުކުރާނެކަމަށް ވެސް އެބޭފުޅުން ވިދާޅުވެއެވެ. ހަމައެއާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ތަރޭގައި ކުއިޒުގައި ބައިވެރިވުމަށް އަމަލުކުރަންޖެހޭ ގޮތްތަކަށް ފުރިހަމައަށް ތަވާބުމަށްވެސް މީޑިއާ ކައުންސިލުން އެދިވަޑައިގަންނަވައެވެ.

ހަމައެއާއެކު، ކުއިޒުގެ ސުވާލުތައް މީޑިއާ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި 1 ޖުލައި 2021 ހުން ފެށިގެން އެދުވަހެއްގެ ސުވާލުތައް އެދުވަހުގެ 13:00 ގައި ފޭސްބުކްގައި ޝާއިރުކުރެވޭނެކަމަށް ވެސް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.

މި ކުއިޒުން ވަނަ ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމެއްވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން އެއްވަނަ ލިބޭ ފަރާތަށް 3،000 (ތިންހާސް) ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނައަށް ދާ ފަރާތަށް 2،000 ( ދެހާސް) ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަށް 1،000 (އެއް ހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.

މީޑިއާ ކައުންސިލުން ކުރިޔަށް ގެންދާ ކުއިޒުގެ މަޤްޞަދަކީ މީޑިއާ ކައުންސިލުން ހިންގާ މައުލޫމާތާއި، ހިންގާ ހަރަކާތްތަކާއި އަދި މީޑިއާގެ އެހެނިހެން ކަންތައްތަކާއި މެދު އާންމުން ހޭލުންތެރިކުރުވުމެވެ. އަދި މީޑިއާ ކައުންސިލްގެ އާއްމު މައުލޫމާތާއި، މައްސަކަތާއި ގުޅޭގޮތުން އާންމު ރައްޔިތުންނަށް މައުލޫމާތު އެނގެނީ ކިހާވަރަކަށްތޯ ދެނެގަތުމެވެ. މީގެ އިތުރުން ކޯވިޑް-19 ގެ ސަބަބުން ރައްޔިތުން ގޭގައި ތިބެގެންޖެހިފައިވާ ދަނޑިވަޅެއްގައި މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތެއްކޮށް އިނާމެއް ހޯދުމުގެ ފުރުޞަތު ހޯދައިދިނުމަކީވެސް ކުއިޒު ކުރިޔަށްގެންދާ މައިގަނޑު އެއް ސަބަބުކަމުގައިވެސް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.