ވިޔަފާރި

ހަނީމޫނަށް ފްރާންސްއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވެބިނަރއެއް


ފްރަންސޭސިވިލާތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޙާއްސަ ވެބިނަރ ސެޝަނެއް ބާއްވައިފިއެވެ.

މި ވެބިނާއަކީ އެމްއެމްޕީއާރުސީއިން ފްރާންސް މާކެޓްގައި ހަރަކާތްތެރިވާ ޓްރެވަލް ޓްރޭޑް އިންޑަސްޓްރީގެ ފަރާތްތަކަށް ހާއްސަކޮށްގެން "މައި ވާރޗުއަލް މޯލްޑިވްސް"ގައި ފެށި ވެބިނާ ސީރީޒްގެ ދެވަނަ ސެޝަނެވެ.

"މައި ވަރޗުއަލް މޯލްޑިވްސް" އަކީ ވާޗުއަލް އެގްޒިބިޝަން އާއި ރޯޑްޝޯ އަދި ވެބިނާގެ އިތުރުން ޓްރެއިނިން އާއި ލައިވް ހަރަކާތްތައް އެކި މާކެޓްތަކުގެ ޓްރެވަލް ޓްރޭޑާއި ކޮންސިއުމާސްއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް އެމްއެމްޕީއާރުސީން މިފަހުން ލޯންޗްކުރި ޕްލެޓްފޯމެއް.

އެމްއެމްޕީއާރުސީން ވިދާޅުވީ ފަރަންސޭސި ބަހުން ކުރިއަށްގެންދިޔަ މި ވެބިނާގެ މައިގަނޑު މަޤްސަދަކީ ފްރާންސްގެ ޓްރެވަލް ޓްރޭޑަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދީ ދިވެހިރާއްޖެއަކީ ރައްކާތެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ބުނެދިނުން ކަމަށެވެ.

އެއްގަޑިއިރަށް ކުރިއަށް ގެންދިޔަ މި ސެޝަންގައި ވަނީ ހަނީމޫން ސެގްމަންޓަށް އަމާޒްކޮށްގެން ރާއްޖޭގައި ފަތުރުުވެރިންނަށް ތަޖުރިބާ ކުރެވެން ހުންނަ ތަފާތު ހަރަކާތްތައް ދައްކާލާފައެވެ. މި ވެބިނާގައި ރީތި ބީޗް ރިސޯޓް، ޕުލްމަން މޯލްޑިވްސް މާމުޓާ އަދި ގްރޭންޑް ޕާކް ކޮށްދިއްޕަރުންވަނީ ބައިވެރިވެ އެކި ރިސޯޓްތަކުގެ އިތުރުން ވެބިނާގެ ތީމާ ގުޅިގެން ކޮންމެ ޕްރޮޕަޓީއަކުން ލިބެން ހުންނަ ތަޖުރިބާތަކާ ބެހޭގޮތުން މައުލޫމާތު ދީފައެވެ.

މީގެއިތުރުން މި ވެބިނާ ޝެޝަންއަކީ ވީހާވެސް ބޮޑަށް އެޖެންޓުންނާއި ގުޅިގެން އަދި ޝައުގުވެރި ސެޝަންއަކަށް ހެދުމަށް ވަނީ ކުއިޒެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަކަށްވަނީ ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު، ރީތި ބީޗް ރިސޯޓުން ދީފައެވެ.

އަށްޑިހައަށް ވުރެ ގިނަ ފްރާންސްގެ އެޖެންޓުން ބައިވެރިވި މި ސެޝަންގައި ކުރިއަށް ގެންދިޔަ ސުވާލާ ޖަވާބު ސެޝަންގައި ވަނީ ރާއްޖެއާ ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ރައްކާތެރިކަމަށް އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

މިއަހަރުގެ ކޮންމެ ތިންމަހުން އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ވެބިނާތައް ކުރިއަށް ގެންދާނީ ކޮންމެ ސެޝަންއަކަށް ހާއްސަ ކުރެވިފައިވާ ތީމްއެއްގެ މައްޗަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އާއްމު މައުލޫމާތުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެކި ޕްރޮޕަޓީތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު މި ވެބިނާތަކުގައި ލިބިގެން ދާނެއެވެ. މި ސިލްސިލާގެ ދަށުން ފުރަތަމަ ކުރިއަށް ގެންދިޔަ ސެޝަންގެ ތީމަކީ ވޯޓާ ސްޕޯޓްސް އަދި ވޯޓާ އެކްޓިވިޓީސްއެވެ.

ފްރަންސްއަކީ ރާއްޖޭގެ ފަތުރުވެެރިކަމަށް މުޙިއްމު މާރކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ ނިޔަލަށް ފްރާންސްއިން ރާއްޖެއަށް 10049 ފަތުރުވެރިން އައިސްފައިވާއިރު، ފްރާންސްވެފައި ވަނީ ރާއްޖެއަށް ނުވަ ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަށެވެ.