ޚަބަރު

މިދިޔަމަހުގައި ރިޕޯޓުކުރި ނަފްސާނީ ހާނިއްކައިގެ މައްސަލަތައް ދެގުނަ އިތުރު


ކުޑަކުދިންނާ ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން އޭޕްރިލްމަހު އެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، އޭޕްރިލް މަހުގައި ޖުމްލަ 177 މައްސަލަ ރިޕޯޓުކޮށް ބަލާފައިވެއެވެ. މިއީ މަރޗްމަހުގެ ތަފާސް ހިސާބަށް ބަލާއިރު، ދަށް އަދަދެކެވެ. މަރޗް މަހުގައި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ޖުމްލަ 215 މައްސަލައެވެ.

ޖެންޑަރ މިނިސްޓްރީއަށް ހުޅަހަޅާފައިވާ މައްސަލަތައް، ވޭތުވެދިޔަ މަހާ އަޅާ ބަލާއިރު، ކުޑަކުދިންނަށް އިހުމާލުވުމާއި ޖިންސީ އަދި ޖިސްމާނީ ހާނިއްކައިގެ މައްސަލަތައް ކޮންމެވެސް ވަރަކަށް މަދުވެފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މިދިޔަ މަހާ އަޅާބަލާއިރު ނަފްސާނީގޮތުން ކުޑަކުދިންނަށް ކުރާ ހާނިއްކައިގެ މައްސަލަތައް ދެގުނަ އިތުރެވެ.

އެގޮތުން، އޭޕްރީލް މަހުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 73 މައްސަލަ އެއް ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުޅަހާޅާފައެވެ. އޭގެތެރެއިން، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލައެވެ. މިބާވަތުގެ 25 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ޖިސްމާނީ ހާނިއްކައިގެ 9 މައްސަލަ އާއި ޖިންސީ ހާނިއްކައިގެ 13 މައްސަލައިގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 10 މައްސަލައެއް ވެސް މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.

ހަމައެއާއެކު، އަނިޔާ ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލައާއި، އެހެންކުދިންގެ ފަރާތުން ގަނާލިބި، ފުރައްސާރައިގެ ޝިކާރައަކަށްވުމުން ހުށަހަޅާފައިވާ 2 މައްސަލައެއް ވެސް މިނިސްޓްރީއަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެއިތުރުން އެހެންކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައެއް ވެސް މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، މަރޗް މަހަށްވުރެ، އޭޕްރިލް މަހުގައި ރިޕޯޓުކުރެވުނު ނަފްސާނީ ހާނިއްކައިގެ މައްސަލަތައް ދެގުނަ އިތުރެވެ. ނަމަވެސް، ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކާއި ޖިންސީ އަދި ޖިސްމާނީ ހާނިއްކައިގެ މައްސަލަތައް ރިޕޯޓުކޮށްފައިވާ އަދަދު އޭޕްރިލް މަހު ވަނީ މަދުވެފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ އިތުރުން، އެހެން ބާވަތްތަކުގެ މައްސަލަތައްވެސް މާޗް މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން، ކުޑަކުދިންގެ އަޚްލާޤީ މައްސަލަތަކާއި، އާއިލީ މައްސަލަތަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި، ގެވެށި އަނިޔާއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން ހުށަހަޅާފައިވާ މައްސަލަތަކުގެ އިތުރުން، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މައްސަލަތައް ވެސް ވަނީ މިނިސްޓްރީއަށް ރިޕޯޓުކޮށްފައެވެ.

އެގޮތުން، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 17 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިދިޔަ މަހާއަޅާބަލާއިރު އިރު މިއީ އިތުރު އަދަދެކެވެ. ހަމައެއާއެކު މިނިސްޓްރީއަށް ޢާއިލީ މައްސަލަތަކުގެ 13 މައްސަލައަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 37 މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ މިދިޔަ މަހުގެ ތަފާސްހިސާބުތަށް ބަލާއިރު ދަށް އަދަދެކެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 22 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 6 މައްސަލަ އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 8 މައްސަލައެއް ވެސް ވަނީ އޭޕްރިލް މަހު ރިޕޯޓުކޮށްފައިވެއެވެ.