ޚަބަރު

މިއަދު ވެކްސިން ޖެހި 968 މީހުނާއެކު ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 174،000އިން މައްޗަށް


ރާއްޖޭގައި މިއަދު ކޯވިޑް ވެކްސިން ފުރިހަމަކުރި 968 މީހުންނާއެކު މުޅި ރާއްޖެއިން އެއްލައްކަ ހަތްދިހަ ހަތަރުހާސް މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހި 968 މީހުންގެ ތެރެއިން މާލެ ސަރަހައްދުގައި ވެކްސިން ފުރިހަމަކޮށްފައިވަނީ 331 މީހުންނެވެ. ރަށްރަށުގައި 637 މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 174259 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 441 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 80 މީހަކާއި، އަތޮޅުތަކުގައި ފުރަތަމަ ޑޯޒް ޖެހި 361 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދުވަނީ 312574 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމެއް ޙަރަކާތްތެރިވަމުން ދެއެވެ. އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ކޮވިޝީލްޑް ވެކްސިން މިވަގުތު ރާއްޖޭގައި ހުސްވެ ވެކްސިން ލިބުން ދަތިވެފައިވާތީ މިވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ދެވަނަ ޑޯޒުޖެހުމަށް މަޑުކުރާ މީހުންނަށް ވެކްސިން ފުރަތަމަ ޑޯޒް ޖެހިތާ ހަމަސްތެރޭގައި ވެކްސިންޖެހޭނެކަމަށް ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ރާއްޖެއިން މިހާރުވަނީ ނިންމާފައެވެ. ކޮވިޝީލްޑްގެ އުފެއްދުން ހުއްޓިފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ ވެކްސިން ތައިލެންޑުން ގެނައުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.