ކުޅިވަރު

ޔޫރަޕްގެ އެންމެ އަގުހުރި ކުޅުންތެރިޔަކަށް ފިލް ފޯޑެން


ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގަށް ބަލާލާއިރު މިވަގުތު އެންމެ އަގުހުރި ކުޅުންތެރިޔަކީ މެންޗެސްޓަރ ސިޓީގެ ޒުވާން ކުޅުންތެރިޔާ ފިލް ފޯޑަން ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ. މިދިރާސާއަކީ ސީއައިއީއެސް ފުޓްބޯލް އޮބްޒަވޭޓަރީއިން ކޮށްފައިވާ ދިރާސާއެކެވެ.

މިދިރާސާއިން ދައްކާގޮތުގައި ފޯޑަންގެ އަގު މިހާރު އުޅެނީ 190.2 މިލިއަން ޔޫރޯގައެވެ. މިދިރާސާގައި ސީއައިއީއެސް އިން ބަލާފައި ވަނީ ކުޅުންތެރިޔާގެ އުމުރަށާއި ކުޅުމުގެ ފެންވަރާއި ކްލަބްގެ ފެންވަރާއި އަދި އިންފްލޭޝަނަށެވެ. ފޯޑަން ވަނީ މިސީޒަންގައި ސިޓީގައި ވަރަށް މޮޅު ކުޅުމެއް ދައްކައި، އެޓީމުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ފެންނަ މުހިންމު ކުޅުންތެރިޔަކަށް ވެފައެވެ. އަދި މިއަހަރުގެ ޕީއެފްއޭ ޔަންގް ޕްލެޔަރ އޮފް ދި އިޔަރގެ އެވޯޑްވެސް ވަނީ ފޯޑަން މިފަހަރު ހޯދާފައެވެ.

މިލިސްޓްގެ ދެވަނަ ލިބެނީ މެންޗެސްޓަރ ޔުނައިޓެޑްގެ މޭސަން ގްރީންވުޑަށެވެ. އޭނާގެ އަގު އުޅެނީ 152.8 މިލިއަން ޕައުންޑުގައެވެ. އަދި ތިންވަނަ ލިބެނީ ޔުނައިޓެޑްގެ މާކަސް ރަޝްފަޑަށެވެ. އޭނާގެ އަގު އުޅެނީ 136.6 މިލިއަން ޕައުންޑުގައެވެ.

ބޮރޫޝިއާ ޑޯޓްމުންޑްގެ ކުރިއަށް ކުޅޭ އަރލިންގ ބްރައުޓް ހާލަންޑްގެ އަގު އުޅެނީ 133.5 މިލިއަން ޕައުންޑުގައެވެ. ފަސްވަނަ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއަށް ލިބޭއިރު ހަވަނައިގައި އުޅެނީ ބާސެލޯނާގެ ފްރޭންކީ ޑި ޖޮންއެވެ. މިލިސްޓްގައި އެންމެ އަގުހުރި ކީޕަރަކަށް 53.2 މިލިއަން ޕައުންޑާއެކު ވެފައިވަނީ ސިޓީގެ ކީޕަރ އެޑަރސަންއެވެ. އަދި އެންމެ އަގުހުރި ސެންޓަރ ބެކަކީ 97.9 މިލިއަން ޕައުންޑްގެ ރުބެން ޑިއާޒްއެވެ.