ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލްގައި މޮރޮކޯ އާއި ބައްދަލުކުރި މެޗުގައި ޕެނަލްޓީއެއްގެ އިތުރުން ގިނަ ހަމަލާތަކެއް ނާކާމިޔާބު ވަމުންދިޔަ އިރުވެސް މެޗުން މޮޅުވާނެކަމުގެ ޔަގީންކަން ޓީމުގެ ތެރޭގައި އޮތް ކަމަށް އެޓީމުގެ ކޯޗު ޑިޑިއަރ ޑެޝޯންޕް ބުނެފިއެވެ.
ޑެޝޯންޕް މިހެން ބުނެފައިވަނީ މޮރޮކޯ އަތުން 2 ލަނޑު ސުން ލަނޑުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
ޑެޝޯންޕް ބުނީ ޖެހިޖެހިގެން ތިން ވޯލްޑް ކަޕެއްގެ ސެމީފައިނަލާއި ހަމައަށް ދަތުރު ކުރެވުމަކީ ފަހުރެއްކަމަށެވެ. އަދި ފުރަތަމަ ހާފުގައި ކިލިއަން އެމްބާޕޭ އަތުން ޕެނަލްޓީ އެއް ނާކާމިޔާބުވެ އަދި ގިނަ ފުރުސަތު ތަކެއްގެ ބޭނުން ނުހިފި ދިޔަ އިރުވެސް ޓީމުގެ ތެރޭގައި އޮތް އުންމީދު އެއްވެސް ވަރަކަށް ކުޑަ ނުވާކަމަށެވެ. އަދި އެމްބާޕޭގެ ހިތުގައިވެސް މެޗުން މޮޅުވާނެކަމުގެ އުންމީދު އަބަދުވެސް އޮތް ކަމަށެވެ.
ފަރަންސޭސި ކޯޗު ބުނީ މިމެޗުގައި ކުރިމަތިލާން ޖެހުނީ ވަރަށް ވަރުގަދަ މޮރޮކޯ ޓީމަކާއި ކަމަށާއި އަދި އޭނާގެ ކުޅުންތެރިންގެ ފަރާތުން ކޮންމެވެސް ވަރަކަށް ވަރުބަލިކަމުގެ އަސަރުވެސް މިމެޗުގައި ފެނިގެންދިޔަ ކަމަށެވެ.
ހަމައެއާއެކު މޮރޮކޯއިން ގިނަ ދުވުންތަކެއް ދުވެފައިވާތީ މިމެޗުގައި އެޓީމަށް އެހާ ފަސޭހަ ނުވިކަމަށެވެ. ނަމަވެސް މިއާއެކުވެސް ލަނޑު ޖެހުމަށް ހޯދި ދެ ފުރުސަތާއި މޮރޮކޯ ކުޅުންތެރިންނަށް ރަނގަޅު ހަމަލާއެއް އުފެއްދުމަށް ފުރުސަތު ނުދިނުމަށްޓަކައި އޭނާގެ ފޯވަޑުންގެ އިތުރުން އެހެން ކުޅުންތެރިންވެސް ކުރިއަށް ޖެހިގެން ކުޅުން ވެގެންދިޔައީ މިކާމިޔާބީގެ އަސްލު ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި އަނެއްކާވެސް ސެމީ ފައިނަލުން ޖާގަ ހޯދުމުން ފަހުރުވެރިވާކަމުގައި ޑެޝޯންޕް ބުންޏެވެ.
ޑެޝޯންޕް ބުނީ ސެމީ ފައިނަލަށް ދެވުމުން ހިތްހަމަ ޖައްސާލެވެން ނެތް ކަމަށާއި އަދި ގިނަ މަސައްކަތް ތަކެއް މިމުބާރާތް ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ 2018 އާއި 2022 އާއި މިފަހަރާއި ހުރި ތަފާތު ތަކަކީ 2018 ވަނަ އަހަރު އެއްވެސް ބަޔަކު ފަރަންސޭސީން އެހިސާބަށް ދާނެކަމަށް އުންމީދު ނުކުރާ ކަމަށެވެ.
2022 ވަނަ އަހަރު މުބާރާތް ދިފާއު ކުރަން ނިކުން ޓީމެއްގެ ހައިސިއްޔަތުން ފަހު 16 އަށް ދިއުންވެސް ނެގުނީ ކާމިޔާބީއެއްގެ ގޮތުގައިއެވެ. ނަމަވެސް މިފަހަރު އެންމެ ފުރަތަމަ މެޗުން ފަށައިގެންވެސް އެންމެން އަންނަނީ މިޓީމަށް ކަޅި އަޅުމުން ކަމަށާއި މިފަހަރު ޓީމަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ގާބިލްކަން އޮތް ޓީމެއް ކަމަށެވެ.
މެޗަށްފަހު އެމްބާޕޭ ބުނީ މިފަހަރުގެ ޓީމަކީ އެންމެ ވަރުގަދަ ޓީމު ނޫން ކަމަށެވެ. އޭނާ ބުނީ މީގެކުރިން ވޯލްޑް ކާމިޔާބު ކޮށް އަދި ދެވަނަ މަގާމްވެސް ހޯދިއްޖެ ކަމަށާއި މިޓީމަކީ މިއިން އެއްވެސް ކަމެއް ކޮށްފައިވާ ޓީމެއް ނޫން ކަމަށެވެ.
ނަމަވެސް މިއީ މިހާތަނަށް ފެނުނު އެންމެ އުންމިދީ ފަރަންސޭސި ޓީމު ކަމުގައި އޭނާ ފާހަގަ ކުރިއެވެ. މިޓީމު މިވަނީ ހުނަރުން ފުރިފައި ކަމަށާއި އެހެން ކަމުން މިޓީމުން އަންނަނީ އެންމެންނައް ހުވަފެން ދައްކަމުން ކަމަށެވެ.
މޮރޮކޯގެ ކޯޗު މުހަންމަދު އުއަހްބީ ބުނީ މިމެޗުގައި މޮރޮކޯއަށް ވުރެ ފަރަންސޭސި ޓީމު މާ ވަރުގަދަ ކަމަށާއި ނަމަވެސް މޮރޮކޯގައި އޮތީ މިފެންވަރުގައި ވާދަ ކުރެވޭ ވަރުގެ ޓީމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގާ މިޓީމު އަންނާނީ އިތުރަށް ވަރުގަދަ ވަމުން ކަމަށާއި ހަތަރު އަހަރު ފަހުން ފަރަންސޭސީންނާއި ވާދަކޮށް ބަލިކުރުމަކީވެސް ކުރެވިދާނެކަމެއްގެ އުންމީދު އޭނާ ފާޅުކުރިއެވެ.
އުއަހްބީ ބުނީ މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ގޯސްކޮށް އެެއްވެސް ކަމެއް ނުދާކަމަަށާއި އެކުޅުންތެރިންވަނީ އެންމެ ރަނގަޅަށް ކުޅެފަކަމަށެވެ. ވޯލްޑް ކަޕެއްގެ ކްއާޓަރ ފައިނަލަށް ދަތުރުކޮށް އެކުޅުންތެރިންނަށް ކުޅެވުނު އެންމެ ވަރުގަދަކޮށް ކުޅެފައިވާކަން އެނގޭއިރު ދެރަވާނެ މާބޮޑު ތަކެއް ނޯންނާނެކަމަށެވެ. ނަމަވެސް މިމެޗުގައި އެޓީމުން ބޭނުންވި ވަރަށް ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ފުރުސަތު ލިބިގެން ނުދިޔަ ކަމަށް އުއަހްބީ ބުންޏެވެ.