ޚަބަރު

ދިވެހި ބަހުގެ އެކެޑަމީން "އޮންލައިން އަދަބީ އީދެއް" ބާއްވަނީ


ދިވެހި އަދަބު ކުރިއެރުވުމާއި އަދަބީ އުފެއްދުންތައް ހުށަހެޅުމުގެ ހުނަރު ތަރައްޤީކޮށް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި ތަފާތު އަދަބީ މުބާރާތްތަކެއް ހިމެނޭ ގޮތަށް "އޮންލައިން އަދަބީ އީދެއް" ބާއްވަން ހަމަޖައްސައިފިއެވެ.

2014 ވަނަ އަހަރުން ފެށިގެން ދިވެހި ބަހުގެ އެކެޑަމީން ބާއްވަމުން އަންނަ ޢަދަބީ އީދު މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. މިއަހަރުގެ އަދަބީ އީދަކީ އާންމުންނަށް ހުޅުވާލައިގެން ބާއްވާ އަދަބީ އީދެއްކަމުގައި ދިވެހިބަހުގެ އެކެޑަމީން ވިދާޅުވެއެވެ.

އޮންލައިންކޮށް ބާއްވާ މިއަދަބީ އީދަކީ ތަފާތު ތިން އުމުރުފުރާއަށް ބަހާލައިގެން ކުރިޔަށްދާނެ މުބާރާތެއް ކަމަށްވެސް އެކެޑަމީން ވިދާޅުވެއެވެ. އެގޮތުން އަދަބީ އީދު ޙާއްޞަކުރަނީ 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ، 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ، 17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާއަށެވެ.

އަދަބީ އީދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތްތަކަކީ ބަނދި ކިޔުން، ޅެން ކިޔުން، ވާހަކަ ހުށަހެޅުން އަދި ރައިވަރު ކިޔުން ކަމަށްވެސް އެކެޑަމީން ވިދާޅުވެއެވެ.

މުބާރާތަށް ހުށަހަޅާ އަދަބީ އުފެއްދުންތައް ހުށަހަޅާނީ 7986230 ނަންބަރުގެ ޓެލެގުރާމަށް ކަމަށް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވެއެވެ. އަދި ހުށަހަޅާ އަދަބީ އުފެއްދުންތަކުގެ ވީޑިއޯ ފޮނުވާނީ އެމް.ޕީ 4 ފޯމެޓުގައި ލޭންޑް ސްކޭޕްކޮށް ކަމުގައި ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއެވެ. ޓެލެގުރާމަށް ފޮނުވާ އަދަބީ އުފެއްދުމުގެ ވީޑިއޯގައި ކޮންމެ ބައިވެރިއެއްގެ ނަމާއި އެޑްރެހާއި އުމުރުފުރާ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖެހުމަށް އެކެޑަމީން އެދެވަޑައިގަންނަވައެވެ.

އަދަބީ އީދުގައި ބައިވެރިވުމަށް އެކަމަށް ތައްޔާރުކޮށްފައިވާ ގޫގުލްފޯމު ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 ކުރިން ފުރުމަށްފަހު އެކަޑަމީއަށް ހުށަހެޅުމަށްވެސް އެބޭފުޅުން އެދިވަޑައިގެންނަވައެވެ. އެގޮތުން އޮންލައިން އަދަބީ އީދުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމަށް 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން 28 ޖޫންގެ ކުރިން، 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ ކުދިން 29 ޖޫންގެ ކުރިން، 17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން 30 ޖޫންގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ. އަދަބީ އީދުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ގިނަވެގެން 2 މުބާރާތުގައެވެ.

ދިވެހިބަހުގެ އެކަޑެމީން ބާއްވާ އަދަބީ އީދުގެ މަޤްޞަދަކީ ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ބަހަށް އޮތް ޝައުގުވެރިކަން އިތުރުކޮށް ބަސް ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެ ޖީލެއް ބިނާކުރުމެވެ.