ޚަބަރު

ފަހުގެ އޭވިއޭޝަން ސޭފްޓީ ސިސްޓަމެއް ޤާއިމުކުރަނީ


އެންމެ ފުރިހަމައަށް މަސައްކަތްކުރާ އޭވިއޭޝަން
ސޭފްޓީ ސިސްޓަމެއް 2016 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި ޤާއިމް
ކުރެވިގެންދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.



އެއަރ އޮޕަރޭޝަނާއި ފްލައިޓް ކުރޫ ލައިސެންސިންގ
ޤަވާއިދުތައް ހަރުދަނާކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައްދަލުވުން
ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިހާރުވެސް
ރާއްޖޭގެ 4 ސަރަހައްދުގައި ޤާއިމްކޮށްފައިވާ ސިސްޓަމްތަކުގެ އެހީގައި ރާއްޖޭގެ
ވައިގެ ސަރަހައްދުގެ 95 އިންސައްތަ މޮނިޓަރ ކުރެވޭކަމަށެވެ. 

އަދި ރާއްޖެއަކީ
ނިސްބަތުން ރަނގަޅުފެންވަރަކަށް އޭވިއޭޝަން ދާއިރާގެ ސެކިއުރިޓީ ބެލެހެއްޓޭ
ޤައުމެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިފެށުނު ބައްދަލުވުމުން
ނެރެވޭ ނަތީޖާ، ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ކުރިއަށްއޮތަނުގައި
ގެނެވޭ ބަދަލުތަކަށް އެހީއަކަށް ވެގެން ދާނެކަމަށެވެ.

ސިވިލް
އޭވިއޭޝަން އޮތޯރިޓީން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް
ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މި
ދާއިރާއިން ގިނަ ޤަވައިދުތަކާއި ބައެއް ޤާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް
އެއޮތޯރިޓީން ކުރައްވަމުން ގެންދަވާ ކަމަށެވެ.

އޭގެތެރޭގައި އޭވިއޭޝަން ސޭފްޓީއާއި
ގުޅުންހުރި ޤަވައިދު ތަކާއި ފަސެންޖަރުންގެ ހައްޤުތަކާއި ބެހޭ ޤާނޫނެއް ޑްރާފްޓް ކުރައްވަމުންގެންދަވާ
ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އެއާރ އޮޕަރޭޝަނާއި ފްލައިޓް ކުރޫ ލައިސެންސިންގ
ޤަވައިދުތައް ހަރުދަނާކުރުމަށް ރާއްޖޭގައި ފެށި ބައްދަލުވުން ކުރިއަށް ގެންދަނީ ބޭރުގެ
ކަމާއިގުޅޭ ތަޖުރިބާކާރުންގެ ބައިވެރިވުމާއިއެކުއެވެ. މި ބައްދަލުވުން
ކުރިއަށްގެންދާނީ ޑިސެމްބަރ މަހުގެ 3 ވަނަދުވަހުގެ ނިޔަލަށެވެ.