ޚަބަރު

އެއަރޕޯޓްގެ ދެ ޓާރމިނަލް ގުޅުވާލުމަށް ވޯކްވޭއެއް އަޅަނީ


އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކާއި އިންޓަރނޭޝަނަލް ގިމަތަ ގުޅުވާލުމަށް ވޯކްވޭއެއް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލު މޫސާ ވިދާޅުވީ ޑޮމެސްޓިކް ގިމަތައިން އިންޓަރނޭޝަނަލް ގިމަތައަށް ދިއުމަށް ހިޔާކޮށްފައިވާ ވޯކްވޭއެއް ނެތުމުގެ ސަބަބުން އެއަރޕޯޓް ބޭނުންކުރައްވާ ފަރާތްތަކަށް އެކިވަރުގެ އުނދަގޫތަކާ ކުރިމަތިވަމުންދާކަމަށެވެ. ޚާއްސަކޮށް ވިއްސާރަ މޫސުމުގައި އެއްގިމަތައިން އަނެއްގިމަތައަށް ހިނގާފައި އުޅުމުގައި ދަތިތަކާ ކުރިމަތިވާކަމަށް އާދިލް ވިދާޅުވިއެވެ. އެހެން ނަމަވެސް ވޯކްވޭ އަޅައި ނިމުމުން މިމައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށް އާދިލްވިދާޅުވިއެވެ. މިމަސައްކަތް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާއިރު، މިވޯކްވޭއިން ޑޮމެސްޓިކާއި އިންޓަރނޭޝަނަލް ގިމަތައިގެ އިތުރުން އެދެމެދުގައި ހުންނަ ވީ.އައި.ޕީ ލައުންޖާއި، ބޭންކް އޮފް މޯލްޑިވްސް އެއަރޕޯޓް ބްރާންޗްވެސް ގުޅުވާލަދެއެވެ.އެއަރޕޯޓް ތަރައްޤީގެ މާސްޓަރޕްލޭނާއެއްގޮތަށް އަމަލީ މަސައްކަތް ފެށުމުގެ ކުރިން ޚިދުމަތް ހޯދާ ފަރާތްތަކުގެ ފަސޭހައަށްޓަކައި މިހާރުން މިހާރަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަމަށް އެމް.އޭ.ސީ.އެލް އިން މައުލޫމާތުދެއްވައެވެ. އެއަރޕޯޓްގެ އާގިމަތައާއި އާ ރަންވޭގެ މަސައްކަތް އަންނައަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު އެކަމަށް ބޭނުންވާ ފައިސާވެސް މިހާރު ވަނީ ހަމަޖެހިފައެވެ.