މިމަހުގެ 2 ވަނަ ދުވަހު ފަރުވާ ލަސްވެގެން ނިޔާވި ފާތިމަތު މިޝްކާގެ މަރުގެ މައްސަލައިގެ އިހުމާލުތައް ބެލުމަށް ކުރިއަށްގެންދާ ތަހުގީގު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ފަރުވާ ލަސްވެ، މިޝްކާ ނިޔާވި ހާދިސާއާ ގުޅިގެން މަޝްވަރާކުރުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ބަދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ އުމުރުން 10 އަހަރުގެ މިޝްކާގެ މަރާއި ގުޅިގެން ކަން ހިނގާދިޔަ ގޮތް ބެލުމަށް ހެލްތް މިނިސްޓްރީން ހެދި ރިވިއުގައި މިހާތަނަށް ފާހަގަވެފައިވާ ކަންކަން ވަރަށް ތަފްސީލްކޮށް ހިމަނާފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ކުރިއަށްއޮތްތަނުގައި މެދުވެރިނުވާނެކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ މިކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަން އެނގިވަޑައިގަންނަވާކަމަށެވެ. ނަމަވެސް މިކަން ތަހުގީގްކުރަންޖެހޭނި އިންސާދުވެރިކޮށްކަމަށް ނަސީމް ވިދާޅުވިއެވެ. އެހެންކަމުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ފުރިހަމަ ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" ހަފްތާއެއްހާ ދުވަހުގެ ފުރުސަތު ބޭނުން. އެހާހިސާބަށް ހުރިހާ މަސައްކަތެއް ނިންމާލެވޭނެ" ނަސީމް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ހިއުމަންރައިޓްސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގަތެވެ. އަދި މިޝްކާގެ މަރާއި ގުޅިގެން މިހާތަނަށް އެކޮމިޝަނަށް ފާހަގަވެފައިވާ ކަންކަން މަޖިލީހާއި ހިއްސާކޮށްފައިވާކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުން ނިންމާލީ ހެލްތު މިނިސްޓްރީން ކުރިއަށްގެންދާ ތަހުގީގު ނިންމެވުމަށް ހެލްތު މިނިސްޓަރ އެދިވަޑައިގެންނެވި ގޮތަށް ހަފްތާއެއްގެ މުއްދަތު ދެއްވުމަށްފަހު އަލުން މިކަމާއި ގުޅޭގޮތުން ކޮމިޓީ ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖެއްސެވުމަށްފަހުއެވެ.
މިޝްކާގެ މަރާއި ގުޅިގެން ކަން ހިނގާދިޔަ ގޮތް ބެލުމަށް ހެލްތް މިނިސްޓްރީން ހެދި ރިވިއުން އެނގޭ ގޮތުގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ މިޝްކާގެ ހާލު ދެރަވެގެން ކަމާއިބެހޭ ފަރާތްތަކަށް އެންގުމުން އެކަމުގައި ވަނީ ބޮޑެތި އިހުމާލުތަކެއް ވެފައެވެ. އެގޮތުން އެމްބިއުލާންސް ފޮނުވުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް މިނިސްޓްރީގެ ރިޕޯޓްގައިވެއެވެ.
މިޝްކާގެ މަރާއި ގުޅިގެން މިފަދަ ހިތާމަވެރި ކަމެއް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ބައެއް ބަދަލުތައް ވަގުތުން ވަގުތައް ގެނެސްފައިވާކަންވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އެޗްއީއޯސީގެ މެޑިކަލް ރެސްޕޮންސް ޓީމުން މަސައްކަތް ކުރާގޮތް ބަދަލުކޮށް އިމަޖެންސީ ކޯލްތައް ކެޓަގަރައިޒްކޮށް އެ ކޯލްތަކާއި ގުޅިގެން އަމަލުކުރާ ގޮތް ބެލޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން އެމަޖެންސީ ކޭސްތަކުގެ މައުލޫމާތު ޑޯކްޓަރުންނަށް ވަގުތުން ލިބި ޑޮކްޓަރުން އެކަންކަމަށް އެޓެންޑްވޭތޯ ބަލާނެ އިންތިޒާމުތައްވެސް ޤާއިމުކުރާނެކަން ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.