ޚަބަރު

ޔަހޫދީންގެ އައު ސަރުކާރަށް ނަތަންޔާހޫގެ ބޮޑެތި ތުޙްމަތުތަކެއް


އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ދިގު ވެރިކަމަށް ނިމުމެއް ގެނައުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެކުލަވާލި އެއްބައިވަންތަކަމުގެ ސަރުކާރަކީ ބޮޑެތި އޮޅުވާލުންތަކާއި މަކަރާއި ޙީލަތް ހިމެނޭ ޢާންމު އިންތިޚާބެއްގެ ނަތީޖާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ބޭއްވި 4ވަނަ ޢާންމު އިންތިޚާބު ބާއްވާފައިވަނީ މާރިޗު މަހުގެ 22ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫދު ޕާޓީގެ އިތުރުން އިދިކޮޅު ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ޢަދަދަށް ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިތަކެއް ކާމިޔާބެއް ނުކުރެވުނެވެ. އެއާއެކު އިސްރާއީލުގެ ރައީސް ރުއެވެން ރިވުލިންވަނީ އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ނަތަންޔާހޫއާ ޙަވާލުކުރައްވައިފައެވެ. ނަތަންޔާހޫއާ އެ މަސްޢޫލިއްޔަތު ޙާވާލުކުރައްވާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާގެ އަޑުއެހުންތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފުރިހަމަކުރުމަށް ނަތަންޔާހޫއަށް 28 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަތެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ސަރުކާރެއް އެކުލަވާލުމަށް ކަނާތު ފިޔައިގެ ސިޔާސީ ބައިވެރިންނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ނަތަންޔާހޫވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އެއާއެކު ރިވުލިންވަނީ ޔަޝް އަތީދު ޕާޓީއަށް ނިޞްބަތްވަޑައިގަންނަވައި އިސްރާއީލުގެ އިދިކޮޅު ސިޔާސީވެރިޔާ ޔައިލް ލަޕީދަށް ސަރުކާރެއް އެކުލަވާލުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރައްވައިފައެވެ.

ޖޫން މަހުގެ 2ވަނަ ދުވަހުގެ ސުންގަޑި ހަމަވުމުގެ ކުޑަ އިރުކޮޅެއް ކުރިން ނެރުއްވި ބަޔާނެއްގައި ލަޕީދު ވިދާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގެ އެއްބަސްވުމަކާ ހަމައަށް އައިސްފައިވާކަން ރިވުލިނަށް އަންގަވާފައިވާކަމަށެވެ. އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގައި ލަޕީދަށް އެންމެ ބޮޑު ބާރެއް ލިބުނީ އިސްރާއީލުގެ ދިފާޢީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ނަފުތާލީ ބެނެޓުގެ ޔަމީނާ ޕާޓީން އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމުކުރުމުގައި ބައިވެރިވުމަށް ނިންމުމުންނެވެ. ޔަޝް އަތީދު ޕާޓީއާއި ޔަމީނާ ޕާޓީން ވެފައިވާ އެއްބަސްވުމުގެ ދަށުން ބޮޑުވަޒީރުގެ މަޤާމާ ފުރަތަމަ 2 އަހަރު ޙަވާލުވެވަޑައިގަންނަވާނީ ބެނެޓެވެ. އެއަށްފަހު ދަޢުރުގެ ފަހު 2 އަހަރު ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ ލަޕީދެވެ. އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުން އައު ސަރުކާރަށް ރުހުން ދިނުމުން 2009ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުންދާ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ.

ލިކޫދު ޕާޓީގެ މެންބަރުންނާ ވާހަކަދައްކަވަމުން ނަތަންޔާހޫގެ ވިދާޅުވީ އިސްރާއީލުގެ ޢާންމު އިންތިޚާބަކީ އެ ޤައުމުގެ ދީމިޤްރާޠީ ނިޒާމުގެ ތާރީޚުގައިވެސް ހިންގާފައިވާ އެންމެ ބޮޑު އޮޅުވާލުންކަމަށެވެ. ކެންޕެއިނުގެ ދުވަސްވަރު އެހެން ޕާޓީތަކާއެކު ބައިވެރިނުވާނެކަމަށް ބެނެޓު ވަޢުދުވެވަޑައިގެންނެވިކަމަށާއި އެ ވަޢުދާ އޭނާ ޚިލާފުވެވަޑައިގެންފައިވާކަމަށް ނަތަންޔާހޫވަނީ ތުޙްމަތުކުރައްވައިފައެވެ. އައު ސަރުކާރުގައި ހިމެނެނީ މަކަރުވެރިންކަމުގައި ސިފަކުރައްވައި ނަތަންޔާހޫ ވިދާޅުވީ އައު ސަރުކާރު ޤާއިމުކުރުމާ ލިކޫދު ޕާޓީން ދެކޮޅުހަދާނެކަމަށެވެ. ނަތަންޔާހޫ ވިދާޅުވީ ލަޕީދާއި ބެނެޓުގެ ބައިވެރިވުމާއެކު ޤައުމު ހިންގާނަމަ އެއީ އިސްރާއީލަށް ނުރައްކާވާނެ ޙާލަތެއްކަމަށެވެ. އަދި އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢުގެ މައްސަލައިގައި އެމެރިކާއާއެކު ކުރިއަށްދާނެ ގޮތެއް އައު ސަރުކާރަށް ނޭނގޭނެކަމަށާއި ޕަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރިމަތިނުލެވޭނެކަމަށްވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ބެނެޓު ވިދާޅުވީ ސަރުކާރުގެ އިސްވެރިޔާގެ މަޤާމުގައި ނަތަންޔާހޫއަށް ދެމިނުހުރެވުނު ނަމަވެސް ސަރުކާރެއް އެކުލަވާލުމުގެ ފުރުޞަތު ދެއްވަން ޖެހިވަޑައިގަންނަވާނެކަމަށެވެ. އަދި ބަލި ޤަބޫލުކުރައްވައި އައު ސަރުކާރެއް ޤާއިމުކުރުމަށް ތަންދެއްވަން ޖެހިވަޑައިގަންނަވާނެކަމަށާއި އިތުރު ހަމަނުޖެހުންތަކެއް އުފެއްދެވުމަށް މަސައްކަތް ނުކުރެއްވުމަށް ނަތަންޔާހޫއަށް ގޮވައިލައްވައިކަމަށް ބެނެޓު ވިދާޅުވިއެވެ. އިސްރާއީލުގެ ރައްޔިތުން ބޭނުންވަނީ ނަތަންޔާހޫ ވެރިކަމުގައި ހުންނެވި އަހަރުތަކުގައި ކުރެއްވި އަގުހުރި ޚިދުމަތްތައް ހަނދާނުގައި ބެހެއްޓުމަށްކަމަށްވެސް ބެނެޓު ވިދާޅުވިއެވެ.