ޚަބަރު

ބޮކޮ ހަރާމުގެ އިސްވެރިޔާ މަރުވެފައިވާކަމަށް އައިއެސުން ބުނެފި


ބޮކޮ ހަރާމުގެ އިސްވެރިޔާގެ މަޤާމުގައި ހުރި އަބޫ މުޙައްމަދު ބިން އަބޫބަކުރު ބިން މުޙައްމަދު އަލްޝައިކާވީ މަރުވެއްޖެކަމަށް ހުޅަނގު އެފްރިކާގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތުގެ ގޮފި، އައިއެސްޑަބުލިޔުޕީން ބުނެފިއެވެ.

އައިއެސްޑަބުލިޔުޕީން ނެރުނު އޮޑިޔޯއެއްގައި ބުނެފައިވަނީ ކުރިމަތިލުމަކަށްފަހު އަލްޝައިކާވީ މެއި މަހުގެ 18ވަނަ ދުވަހު އަލްޝައިކާވީ ހައްޔަރުކުރިކަމަށެވެ. އަދި އައިއެސް ޖަމާޢަތާ އަލުން ގުޅުމަށް އޭނާއަށް ދަޢުވަތު ދިންކަމަށާއި އެ ދަޢުވަތު އޭނާ ބަލައިގެންފައިނުވާކަމަށް އެ ޖަމާޢަތުންވަނީ ބުނެފައެވެ. އޭގެ ބަދަލުގައި އޭނާ ޚިޔާރުކުރީ މަރުވުމަށްކަމަށް އެ އޮޑިޔޯގައި ބުނެއެވެ. އައިއެސްޑަބުލިޔުޕީން ނެރުނު އޮޑިޔޯގައި އިވެނީ އެ ޖަމާޢަތުގެ އިސްވެރިޔާ އަބޫ މުސްޢަބު އަލްބަރުނާވީގެ އަޑުކަމަށް ބެލެވެއެވެ.

ނައިޖީރިޔާގެ ސަރުކާރުން ޙިއްޞާކޮށްފައިވާ ޖާސޫސީ މަޢުލޫމާތުތަކުންވެސް އަލްޝައިކާވީ މަރުވެފައިވާކަމަށްވަނީ ބުނެފައެވެ. މިދިޔަ މަހުގެ ތެރޭގައި ނައިޖީރިޔާގެ އަސްކަރިއްޔާއިންވަނީ އަލްޝައިކާވީ މަރުވެފައިވާކަމަށް ދެކެވޭ ވާހަކަތައް ތަޙްޤީޤުކުރަމުންދާކަމަށް ބުނެފައެވެ. އައިއެސްޑަބުލިޔުޕީން އޮޑިޔޯއަކީ އަލްޝައިކާވީ މަރުވެފައިވާކަން ޔަޤީންކޮށްދިން ފުރަތަމަ ހެއްކެވެ.

އަލްޝައިކާވީ މަރާއެކު ބޮކޮ ހަރާމާއި އައިއެސްޑަބުލިޔުޕީއާ ދެމެދު އޮންނަ ވާދަވެރިކަން ނިމުމަކަށް އަންނާނެކަމަށް ބެލެވެއެވެ. އަދި ބޮކޮ ހަރާމުގެ ހަނގުރާމަވެރިން އައިއެސްޑަބުލިޔުޕީން ތެރޭގައި ހިމަނައި ދެ ޖަމާޢަތް އެއްކޮށްލާނެކަމަށްވެސް ބެލެވެއެވެ.

ފާއިތުވި 12 އަހަރުގެ ތެރޭގައި އަލްޝައިކާވީ މަރުވެފައިވާކަމަށް އެތައް ފަހަރެއްގެ މަތިން އަޑުފެތުރިފައިވެއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އޭނާ މަރުނުވައިކަން ކޮންމެވެސް ގޮތަކުން އޭނާ ސާބިތުކޮށްދެއެވެ.