ކުޅިވަރު

މިހާރު ކުރަމުންދާ ތަޖުރިބާ ކެރިއަރަށް ވަރަށް މުހިންމު: ނަޒީމް


ވަރލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި މިފަހަރު ކުރަމުން އަންނަ ތަޖުރިބާއަކީ ކެރިއަރުގައި ކުރިއަށްދާން ބަލާއިރު، މުހިންމު އެއްޗަކަށްވާނެކަމަށް ޤައުމީ ޓީމްގެ ފޯވާޑް ހަސަން ނަޒީމް ބުނެފިއެވެ.

ވަރލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ މެޗުތަކާއި ތަމްރީންތަކަށް ޤައުމީ ފުޓްބޯޅަ ޓީމް، މިހާރު ތިބީ ޔޫއޭއީގައެވެ. އަނެއްކޮޅުން މިއީ ގިނަ ގޮންޖެހުންތަކަކާއެކު ޓީމު ކޮލިފައިންއަށް ނިކުތް ފަހަރެވެ.

ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ވެސް މިއީ މުޅިން ތަފާތު ތަޖުރިބާއެއްކަމަށެވެ. ޒުވާން ފޯވާޑް ހަސަން ނަޒީމް ބުނީ މިއީ ހުރިހާ ގޮތަކުން ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހުނު ދަތުރެއްކަމަށާއި، މި ތަޖުރިބާތަކަކީ ކުރިއަށް އޮތް ތަނުގައި ގިނަ ފައިދާތަކެއް ލިބޭނެކަމެއްކަމަށެވެ.

ނަޒީމް ބުނީ ހުރިހާ އެންމެންނަށްވެސް މިފަހަރު ގޮންޖެހުންތައް ގިނަކަން އިނގޭނެކަމަށާއި، ކުޅުންތެރިން މިކަމާއި ކުރިމަތިލީވެސް މިއީ ކިހާ އުނދަގޫ މަސައްކަތެއްކަން އެނގި ތިބެކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންގެ ވިސްނުންހުރީ ކުރިއަށް ހުރި މެޗުތަކުން މޮޅުވާންކަމަށްވެސް އޭނާ ބުންޏެވެ.

"އަސްލު އެންމެންނަށްވެސް އިނގޭ ކިހާ ޓަފް ސިޓުއޭޝަނެއްކަން. އެކަމަކު އެންމެންވެސް ވަރަށް މަސައްކަތް އެބަކުރޭ. މޯޓިވޭޝަންވެސް ވަރަށް ރަނގަޅުކަމަށް ފާހަގަކޮށްލެވޭ." ހަސަން ނަޒީމް ބުންޏެވެ.