ޚަބަރު

ނައިޖީރިޔާގައި ޓުވިޓަރ ބޭނުންނުކުރެވޭ ގޮތަށް ނިންމައިފި


ނައިޖީރިޔާގައި ޓުވިޓަރ ބޭނުންނުކުރެވޭ ގޮތަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ނައިޖީރީޔާގެ ސަރުކާރުން މީސްމީޑިޔާގެ މަޤުބޫލު ވަޞީލަތެއްކަމަށްވާ ޓުވިޓަރ ބޭނުންނުކުރެވޭ ގޮތަށް ނިންމީ މީގެ 2 ދުވަސްކުރިން އެ ޤައުމުގެ ރައީސް މުޙައްމަދު ބުޚާރީ ޓުވިޓާގައި ޝާޢިރުކުރި ލިޔުމެއް އެ ކުންފުނިން ފޮހެލެމުންނެވެ. އެސޯސިއޭޝަން އޮފް ލައިސެންސްޑު ޓެލެކޮމިޔުނިކޭޝަން އޮޕަރޭޓަރސް އޮފް ނައިޖީރިޔާއިން ބުނީ އެ ޤައުމުގައި ޓުވިޓަރ ބޭނުން ނުކުރެވޭ ގޮތަށް ނިންމީ އެ ޤައުމުގެ މުވާސަލާތީ ކަންކަމާބެހޭ ކޮމިޝަނުން އެ ގޮތަށް ޢަމަލުކުރުމަށް އެންގުމުންކަމަށެވެ.

ނައިޖީރިޔާގެ ޚަބަރާއި މަޢުލޫމާތާބެހޭ ވަޒީރު ލާއީ މުޙައްމަދު ވިދާޅުވީ ސަރުކާރުން ޓުވިޓަރއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ނައިޖީރިޔާގެ ބައެއް ދާޚީލީ ކަންކަމަށް ހުރަސްއެޅޭފަދަ ޙަރަކާތްތަކެއް ހިންގުމަށް ޓުވިޓަރ ބޭނުންކުރާތީކަމަށެވެ. ޓުވިޓަރ ބޭނުންނުކުރެވޭ ގޮތް ހެދުމުން އެ ޤައުމުގެ ބަންޑާރަނައިބުގެ އިދާރާއިންވަނީ ޤަވާއިދާ ޚިލާފަށް އެ ވަޞީލަތް ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައެވެ. ނަމަވެސް އޭގެ ތަފްޞީލެއް އެ އިދާރާއިން ދެއްވާފައެއް ނުވެއެވެ.

ނައިޖީރިޔާގައި ޓުވިޓަރ ބޭނުންނުކުރެވޭ ގޮތަށް ނިންމުމުން އެ ކުންފުނިންވަނީ އެކަމާމެދެ ކަންބޮޑުވުންފައުޅުކޮށްފައެވެ. އެ ކުންފުނިން ބުނީ ދުނިޔެއާއެކު މުޢާމަލާތްކުރުމަށް ޓުވިޓަރ ބޭނުންކުރާ ނައިޖީރިޔާގެ ރައްޔިތުންނަށް އެ ފުރުޞަތު އަލުން ހޯދައިދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

މީގެ ކުރިންވެސް ބުޚާރީގެ ސަރުކާރުންވަނީ ނައިޖީރިޔާގައި މީސްމީޑިޔާ ބޭނުންކުރާ ގޮތްތަކަށް ބަދަލުގެނައުމަށް ޤާނޫނުތަކެއް ހުށަހަޅައިފައެވެ. އެ ޤާނޫނުތައް ހުށަހެޅީ އެ ޤައުމުގެ ސިފައިންނާ ދެކޮޅަށް އެ ޤައުމުގައި ކުރި މުޒާހަރާތަކަށް ޓުވިޓަރ މެދުވެރިކޮށް ލިބުނު ސަމާލުކަން އިތުރުވުމުންނެވެ. ޚިޔާލުފައުޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާކަމުގެ ތުޚުމަތު މީގެ ކުރިންވެސްވަނީ ބުޚާރީއާ ދެކޮޅަށްވަނީ ކޮށްފައެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ އެމުނެސްޓީ އިންޓަނޭޝަނަލުންވަނީ ނައިޖީރިޔާއިން ޓުވިޓަރ ބޭނުންނުކުރެވޭ ގޮތަށް ނިންމި ނިންމުން ބަދަލުކޮށް، ޚަބަރުފަތުރާ ވަޞީލަތްތަކަށް ހުރަސްއެޅުން ހުއްޓައިލުމަށް ގޮވާލައިފައެވެ.