މުނިފޫހިފިލުވުން

އަކްޝޭގެ "އޯމައި ގޯޑް 2" ގެ މަސައްކަތް ސެޕްޓެމްބަރަށް


މިއަހަރުގެ ހޫނު މޫސުމުގައި ސިނަމާތަކުގައި އެޅުވުމަށް ތާވަލުކޮށްފައިވާ ސުޕަސްޓާރ އަކްޝޭ ކުމާރު ފެނިގެންދާ ފިލްމު "އޯމައި ގޯޑް 2" އިންޑިއާގައި ކޯވިޑްގެ ބަލިމަޑުކަމުގެ ޙާލަތު އޮތް ގޮތުން ދެއްކުން އޮތީ ލަސްވެފައެވެ.

މި ފިލްމުގެ ފުރަތަމަ ޕާޓް "އޯމައި ގޯޑް" އުމޭޝް ޝުކުލާ ޑައިރެކްޓްކޮށްފައިވާއިރު ލީޑް ރޯލުން ފެނިގެންދިޔަ އެކްޓަރ ޕަރޭޝް ރާވަލް މި ފިލްމުން ނުފެންނާނެކަމަށް ޚަބަރުތައް ބުނެއެވެ. ޕަރޭޝްގެ ބަދަލުގައި ފިލްމުން ފެނިގެންދާނީ 'ގޭންގްސް އޮފް ވަސައިޕޫރު' 'އަގްނީޕަތް' އަދި އަދި 'ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާރލް' ފަދަ ފިލްމުތަކުން ފެނިގެންދިޔަ އެކްޓަރ ޕަންކަޖް ތްރިޕާތީ ކަމުގައި ޚަބަރުތައް ބުނެއެވެ. އަދި ފިލްމުގެ ވާހަކަތައް ޕަންކަޖް އާއި ދެކޭވޭތާ ދުވަސްކޮޅެއްވެފައިވާ ކަމާއި މިހާރު ހުރިހާ ކަމެއް ނިމިފައިކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ދެމަސްދުވަހުގެ ޝެޑިއުލްއަކާއެކު ފިލްމުގެ މަސައްކަތްތައް ސެޕްޓެމްބަރު މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. ކޯވިޑްގެ ބަލިމަޑުކަމާއި ހެދި އެކަހެރިވެގެން ތިބި ފިލްމުގެ ޓީމަކުން މިހާރުވެސްދަނީ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި ފިލްމުގެ މަންޒަރުތައް ނަގާނެ ތަންތަންވެސް ހޯދަމުންކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރެއެވެ. އަދި އޮކްޓޫބަރު މަސް ނިމެންވާއިރަށް ފިލްމު ނިންމާލެވޭނެކަމަށްވެސް ފިލްމުގެ ޓީމާއި ޙަވާލާދީ ޙަބަރުތައް ބުނެއެވެ.

މި ފިލްމާއެކު މިއީ ޕަންކަޖް އަކްޝޭއާއެކު މަސައްކަތްކުރާ ދެވަނަ ފިލްމަށް ވެގެންދާނެއެވެ. މީގެ ކުރިން އަދި ރިލީޒްކުރުމުގެ މަގުމަތީގައި އުޅޭ ފަރްހާދު ސަމްޖީގެ "ބަޗަން ޕާންޑޭ" ގައިވެސް މި ދެތަރިން އެކުގައިވަނީ މަސައްކަތްކޮށްފައެވެ.

"އޯމައި ގޯޑް" ގެ މި ސީކުއަލް ޑައިރެކްޓުކުރާނީ ކުރީގެ ފިލްމު ޑައިރެކްޓްކުރި އުމޭޝް ޝުކުލާ ނޫންކަމުގައި ޚަބަރުތައް ބުނާއިރު ފިލްމުގެ ޑައިރެކްޓަރަކީ ކާކުކަމެއް އަދި ނޭގެއެވެ.

މި ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން އާނަންދު ލެހެރާއީ ޑައިރެކްޓްކުރާ ރޮމޭންޓިކް ޑްރާމާ ފިލްމު 'ރަކްޝާ ބަންދަން' އަދި އަބީޝެކް ޝަރުމާގެ 'ރާމް ސޭތޫ' އަދި އިތުރު އެހެން ފިލްމެއްގެ މަސައްކަތްވެސް އަކްޝޭ ނިންމާނެކަމަށް ޚަބަރުތައް ބުނެއެވެ. މި ފިލްމުތަކުގެ އިތުރުން އަކްޝޭގެ 11 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް އެބައޮތެވެ. އަދި ކުރިއަށްއޮތް 3 އަހަރުވެސް އަކްޝޭ ވަރަށް ބިޒީ ވާނެކަމަށް ޚަބަރުތައް ބުނެއެވެ.