ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް އިންޑިޔާއިން ކުރަމުންދާ ގެއްލުންބޮޑު ހަނގުރާމަ ނިމުމަކަށް؟


ކޯވިޑް-19ގެ ސަބަބުން ނާޒުކު ޙާލަތަކަށް ގޮސްފައިވާ އިންޑިޔާގެ ޙާލަތު ރަނގަޅުވާން ފެށުމުން ބައެއް ސްޓޭޓުތަކުގައި އަޅާފައިވާ ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ފަށައިފިއެވެ.

ކޯވިޑް-19ގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުތަކުގެ ތެރޭގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާ ހިމެނެއެވެ. 1.366 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާއިން 2020ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 30ވަނަ ދުވަހު ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނުނު ފަހުން އެ ޤައުމުގައި ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި 28.6 މިލިޔަން މީހުންނަށް ބަލިޖެހި 344،101 މީހުންވަނީ މަރުވެފައެވެ. ބިޔަ އިޤްތިޞާދެއް އޮންނަ އިންޑިޔާގައި ބަލިޖެހުނު މީހުންނާއި މަރުވި މީހުންގެ އަސްލު ޢަދަދުތައް ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލުމަށްފަހު އެ ޤައުމުގެ ޙާލަތު އަނެއްކާވެސް ރަނގަޅުވާން ފަށާފައިވަނީ ދިގު އަދި އުނދަގޫ ހަނގުރާމައެއް ކުރުމަށްފަހުއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިންޑިޔާގެ ކެރެލާ ސްޓޭޓުން ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފުރަތަމަ ފަހަރަށް ފެނުމުން އެ ސްޓޭޓުވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 23ވަނަ ދުވަހު ފުރަބަންދުކޮށްފައެވެ. އޭގެ 2 ދުވަސްފަހުން ތިން ހަފުތާގެ މުއްދަތަށް މުޅި ޤައުމު ފުރަބަންދުކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމިއެވެ. ވިޔަފާރިތަކާއި އިޤްތިޞާދީ ޙަރަކާތްތައް މެދުކަނޑާލައި އެ ޤައުމުގެ ޢާންމު ދަތުރުފަތުރުގެ ނިޒާމުވެސް މެދުކަނޑައިލިއެވެ. ކާރުޚާނާތަކާއި ވިޔަފާރިތައް ބަންދުކުރުމާއެކު އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި މަސައްކަތްކުރަމުންދިޔަ މީހުންނަށް ކުރިމަތިވީ ވަރަށް ނިކަމެތި ޙާލަތެލެވެ. ފައިސާ ހޯދޭނެ މަގެއްނެތި ކާބޯތަކެއްޗަށް ޖެހި އެ މީހުންގެ ކުރިމަގަށް ހިޔަނި އެޅުނެވެ. އެކި ސަރަޙައްދުތަކުގައި ބަންދުވެފައި ތިބި ޢާއިލާތައް ބަނޑަށްޖެހި އަމިއްލަ އަވަށަށް ދިޔުން ނޫންގޮތެއް ނެތްކަމަށް ނިންމައި އެތައް ހާސް ބަޔަކު ފައިމަގުގައި އެތައް ސަތޭކަ ކިލޯމީޓަރެއް ކަޑައްތުކުރުމަށް ދަތުރު ފެށިއެވެ. ފުރަބަންދުގެ އުޞޫލުތަކާ ޚިލާފުވެފައިވާކަމަށް ބުނެ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން ހިފަހައްޓައި ހައްޔަރުކުރިއެވެ. ދަތުރުގެ ބުރަ ބޮޑުވެ ވަރުބަލިކަމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން މަންޒިލާ ހަމައަށް ނުދެވި ގިނަ ޢަދަދެއްގެ މީހުން މަރުވިއެވެ.

މިދިޔަ އަހަރުގެ މެއި މަހާ ހަމައަށްވެސް ޙާލަތު ރަނގަޅު ނުވުމުގެ ސަބަބުން އިންޑިޔާގެ ގިނަ ސްޓޭޓުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އޮތީ ދަމަހައްޓައިފައެވެ. އެ ދުވަސްވަރު އިންޑިޔާގެ ފަސް ސިޓީއެއްގައި ގަދަޔަށް ބަލިފެތުރެން ފެށުނެވެ. ނަމަވެސް އިންޑިޔާގެ ސަރުކާރުން ނިންމީ ޙާލަތު ގޯސްވެފައިވާ ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް މަރުޙަލާތަކަކަށް ބަހާލައިގެން ލުއިތަކެއް ދިނުމަށެވެ. އެގޮތުން މެއި މަހުގެ 30ވަނަ ދުވަހު ފިޔަވަޅުތަކަށް ލުއި ދޭން ފެށިއެވެ.

2020ވަނަ އަހަރުގެ ތެރޭގައި އިންޑިޔާ ފުރަބަންދުކުރުމުގެ ކުރިންވެސް އެ ޤައުމުގެ އިޤްތިޞާދު އޮތީ ކޮންމެވެސް ވަރަކަށް ހީނަރުވާން ފަށައިފައެވެ. ނަމަވެސް ކޯވިޑް-19 ފެތުރި ޤައުމު ފުރަބަންދުކުރަން ޖެހުމުން 2020ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިޞްބަތަށް ބޮޑު ލޮޅުމެއް އެރިއެވެ. ދެން އައި ތިން މަސް ދުވަހުގެ ތެރޭގައި 23.9 އިންސައްތައަށް އުފެއްދުންތެރިކަމުގެ ނިޞްބަތް ވެއްޓުނެވެ. އެއީ އެ ޤައުމުގެ ތާރީޚުގައިވެސް އިޤްތިޞާދަށް އެހާ ބޮޑު ހީނަރުކަމެއް އައި ފުރަތަމަ ފަހަރެވެ.

ޞިއްޙީ ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިޔާގައި އިޢުލާނުކުރި ފުރަބަންދުގެ ސަބަބުން ބަލިފެތުރޭ މިންވަރު ދަށްކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދިނެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕުރިލް މަހުގެ 6ވަނަ ދުވަހުން ފެށިގެން ބަލިޖެހޭ މީހުންގެ ޢަދަދު ދެގުނައަށް އިތުރުވުމަށް ނަގާފައިވަނީ 6 ދުވަހެވެ. އޭޕުރިލް މަހުގެ 18ވަނަ ދުވަހާ ހަމައަށް އެ މުއްދަތު 8 ދުވަހަށް އިތުރުވިއެވެ. އެފަދަ ކުރިއެރުންތަކެއް ލިބެމުން ގޮސް ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ޢަދަދަށްވުރެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ފުރަތަމަ ފަހަރަށް އިތުރުވީ އެ އަހަރުގެ ޖޫން މަހުގެ 10ވަނަ ދުވަހުއެވެ. އޭގެ ތިން މަސް ދުވަސް ފަހުން ސެޕްޓެންބަރު މަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ނިޞްބަތް ދަށަށްދާން ފެށިއެވެ. ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު ސެޕުޓެންބަރު މަހުގައި 90،000ގައި ހުރުމަށްފަހު 2021ވަނަ އަހަރު ފެށިފައިވަނީ އެ ޢަދަދު 15،000އަށް ދަށަށް ގޮސްފައިވަނިކޮށެވެ.

އިންޑިޔާގައި ކޯވިޑް-19އަށް ވެކްސިން ދޭން ފަށައިފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 16ވަނަ ދުވަހުއެވެ. އެންމެ ގިނަ ޢަދަދަކަށް ވެކްސިން އުފައްދާ އެއް ޤައުމުކަމަށްވާ އިންޑިޔާގައި އޭޕުރިލް މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ވެކްސިންގެ 3-4 މިލިޔަން ޑޯޒު ދީފައިވެއެވެ. އިންޑިޔާގައި ވެކްސިން ދިނުމަށް ބޭނުންކުރަނީ އެސްޓުރަޒެނެކާ ކުންފުނީގެ ޚާއްޞަ ޙުއްދައެއްގެ ދަށުން އެ ޤައުމުގައި އުފައްދައި ކޮވިޝިލްޑު ވެކްސިނާއި އިންޑިޔާގެ ކުންފުންޏެއްކަމަށްވާ ބަރަތު ބަޔޯއެންޓުކުން އުފެއްދި ކޮވެކްސިނެވެ. އޭގެ އިތުރުން ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމަށް ރަޝިޔާގެ ސްޕަޓުނިކު ވީއަށްވެސްވަނީ ޙުއްދަ ދީފައެވެ. އެ ދުވަސްވަރު އިންޑިޔާއިންވަނީ ހިލޭ އެހީގެ ގޮތުގައި އަވަށްޓެރި ގިނަ ޤައުމުތަކަކަށް ވެކްސިން ފޯރުކޮށްދެމުންނެވެ. އަދި ގިނަ ޤައުމުތަކަކަށް ވެކްސިން ވިއްކުމަށް އެއްބަސްވުންތަކުގައި އިންޑިޔާއިން ސޮއިކުރިއެވެ.

ވެކްސިންގެ ސަބަބުން ބަލިމަޑުކަމުން ސަލާމަތްވެވިދާނެކަމުގެ އުންމީދު އައުވެފައިވަނިކޮށް އިންޑިޔާއަށް ކުރިމަތިލާން ޖެހުނީ ކުރިން ހީވެސް ނުކުރާހާ ބޮޑު އިމުތިޙާނަކާއެވެ. ކޯވިޑް-19 ނުރައްކާތެރި އައު ވައްތަރެއް ފެތުރެން ފެށުމުން މާރިޗު މަހުގެ ތެރޭގައި ބަލީގެ ނުރައްކާތެރި ދެވަނަ ރާޅެއް އިންޑިޔާގައި ބިންދާލުމުން ޤައުމުގެ ޙާލަތު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވިއެވެ. ޤައުމުގެ ރައްޔިތުންނަށް ފުދޭ މިންވަރަށް ވެކްސިން ނުލިބި އެންމެ ފަހުން ބޭރު ޤައުމުތަކަށް ވެކްސިން ބޭރުކުރުން މެދުކަނޑައިލުމަށް އިންޑިޔާއަށް މަޖުބޫރުވިއެވެ. އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ އެއް ޤައުމުކަމަށްވާ އިންޑިޔާވެސް ވެކްސިނަށް ޖެހުނެވެ. ޞިއްޙީ ނިޒާމަށް އޮތް ބުރަ ބޮޑުވެ މުޅި ނިޒާމު އެއްކޮށްހެން ހުއްޓުމަކަށް އައެވެ. ހަސްފަތާލުތައް ފުރި އެނދުތައް ނުލިބި ގިނަ ޢަދަދެއްގެ މީހުންނަށް ފަރުވާ ނުދެވި މަރުވާން ދޫކޮށްލަން ޖެހުނެވެ. އޮކްސިޖަނަށް ޖެހި އެހެން ޤައުމުތަކުގެ އެހީތެރިކަމަށް އެދުމަށް މަޖުބޫރުވިއެވެ. މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އިންޑިޔާގައި ދުވާލެއްގެ މައްޗަށް 400،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނެވެ. އެއީ ދުނިޔޭގައި ކުރިން ނުފެންނަ ކޯވިޑް-19ގެ ބިރުވެރި ދުވަސްތަކެކެވެ. އެއާއެކު އަނެއްކާވެސް އިންޑިޔާގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ. ޙާލަތު ގޯސްވެފައިވާ ސްޓޭޓުތަކުގައި ކާފިޔުތައް އިޢުލާނުކޮށް ބައެއް ބޮޑެތި ސްޓޭޓުތައް ފުރަބަންދުކުރިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިޢުލާނުކުރި ފުރަބަންދުގެ ސަބަބުން އިޤްތިޞާދަށް ލިބުނު ހީނަރުކަމުން ފިލާވަޅު ލިބިގަނެ ކޯވިޑް-19ގެ ޙާލަތު މިދިޔަ އަހަރަށްވުރެ މި އަހަރު ގޯސްވި ނަމަވެސް ޤައުމު އެއްކޮށް ފުރަބަންދުކުރުމަށް އިންޑިޔާގެ ސަރުކާރުން ނިންމާފައެއް ނުވެއެވެ. އެހެންކަމުން ފުރަތަމަ ފުރަބަންދު ނުކޮށް މި އަހަރު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރި ނޭދެވޭ އަސަރު ނިޞްބަތުން ކުޑައެވެ. އެހެންކަމުން ބަލިމަޑުކަމުގެ ޙާލަތުގައި އިޤްތިޞާދު ހުއްޓުމަކަށް ނުގެނެސް ކުރިޔަށް ދެވޭނެ ގޮތްތަކެއް ދަސްވެފައިވާކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒުކުރުމުން އިންޑިޔާގެ ޙާލަތުވަނީ އަނެއްކާވެސް ރަނގަޅުވާން ފަށައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައިވަނީ 121،476 މީހުންނަށެވެ. އެއީ ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި އެއް ދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު އެންމެ ދަށަށް ދިޔަ ފަހަރެވެ. ޙާލަތު ރަނގަޅުވާން ފެށުމުން ދިއްލީއާއި ތަމިލް ނާޑޫއާއި މަހާރަޝްތުރާއާއި އުއްތަރު ޕުރަދޭޝް ހިމެނޭގޮތަށް މަރުޙަލާތަކަކަށް ބަހާލައިގެން ގިނަ ސްޓޭޓުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށްވަނީ ނިންމައިފައެވެ. ނަމަވެސް އެންމެ ޙާލަތު ގޯސްވެފައިވާ ސަރަޙައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ދެމިއޮންނާނެއެވެ.

އިންޑިޔާގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުން ކޯވިޑް-19 ޙާލަތު ރަނގަޅުވި ނަމަވެސް ކުރިއަށް އޮތް ތަނުގައި އަނެއްކާވެސް ޤައުމުގެ ޙާލަތު ގޯސްވެދާނެކަމުގެ އިންޒާރު ޞިއްޙީ މާހިރުންވަނީ ދީފައެވެ. ބަލީގެ ތިންވަނަ ރާޅަކާ އިންޑިޔާއިން ކުރިމަތިލާންޖެހޭނެކަމަކީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް ޞިއްހީ މާހިރުން ބުނެއެވެ. ނަމަވެސް އެ ޙާލަތަށް ޤައުމު ދާނީ ކޮންއިރަކު ކަމެއް އަންދާޒާކުރަން ދަތިކަމަށް އެ ފަރާތްތަކުން ބުނެއެވެ. ބަލީގެ އައު ރާޅަކަށް ތައްޔާރުވުމުގެ ގޮތުން ހުށިޔާރުކަމާއެކު ދުރާލައި ފިޔަވަޅުތަކެއް އަޅައި ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

އިންޑިޔާގައި މިހާތަނަށް ވެކްސިންގެ އެއް ޑޯޒު ދީފައިވަނީ އެ ޤައުމުގެ އާބާދީގެ ގާތްގަނޑަކަށް 14 އިންސައްތަ މީހުންނަށެވެ. އަދި ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވަނީ އާބާދީގެ 3.4 އިންސައްތަ މީހުންނެވެ. އެ ޤައުމުގެ ވެކްސިން ދިނުމުގެ ޙަރަކާތްތައް އަދިވެސް މަޑުޖެހިފައި އޮތުމުން ތިންވަނަ ރާޅަކުން ސަލާމަތްވުމަށް ވެކްސިން ދެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުކުރަންޖެހެއެވެ.