މި އަހަރުގެ މާރިޗު މަހުން ފެށިގެން އައިސްލެންޑުގެ އެންމެ މަޝްހޫރު އަލިފާން ފަރުބަދަ ދަނީ ގޮވަމުންނެވެ. އެ ފަރުބަދަ ގޮވަން ފެށުމުން އެ އާދަޔާޚިލާފު ރީތި މަންޒަރުގެ ފޮޓޯއާއި ވީޑިޔޯ ނެގުމަށް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ޤުދުރަތީ ޙަރަކާތްތަކަށް ޝައުޤުވެރިވާ މީހުންނާއި ފޮޓޯނަގާ މީހުންވަނީ އެ ޤައުމަށް ދަތުރުކޮށްފައެވެ.
ޑުރޯނެއް ބޭނުންކޮށްގެން ފަރުބަދަ ގޮވައި މަންޒަރުގެ ވީޑީޔޯއެއް ނަގަމުންދިޔަ މީހަކަށް އެ މަސައްކަތުގެ ތެރޭގައި ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. އެގޮތުން ވީޑިޔޯ ނެގުމަށް އޭނާ ބޭނުންކުރި ޑުރޯނު ބޮކި ޖަހައި ގޮވަމުންދާ އަލިފާން ފަރުބަދައިގެ އެތެރެއަށް ވެއްޓުމުން މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ޝައުޤުވެރި މަންޒަރެއްވަނީ ފެނިފައެވެ.
ޔޫޓިޔުބުގައި ވީޑިޔޯ ޝާޢިރުކުރާ ޖޯއީ ހެމްސްވަނީ އޭނާގެ ޑުރޯނުން ނެގުނު މަންޒަރު ދުނިޔެއާއެކު ޙިއްޞާކޮށްފައެވެ. އެ ވީޑިޔޯގައި އަލިފާން ފަރުބަދައިގެ އެތެރެއަށް ޑުރޯނު ވެއްޓޭ މަންޒަރު ސާފުކޮށް ފެނެއެވެ. އެ އާދަޔާޚިލާފު މަންޒަރު ފެންނަ ވީޑިޔޯ އެތައް ހާސް ބަޔަކު ދަނީ މީސްމީޑިޔާގައި ޙިއްޞާކުރަމުންނެވެ.
އަލިފާން ފަރުބަދަ ގޮވައި މަންޒަރުގެ ވީޑިޔޯ ނެގުމަކީ ފަސޭހަކަމެއް ނޫންކަމަށް ހެމްސް ބުނެއެވެ. އަލިފާން ފަރުބަދަ ގޮވައި ސަރަޙައްދު ވަށައިގެން ހޫނު ގޭސްތައް ކުއްލިކުއްލިއަށް މައްޗަށް އަރައިގެންދާކަމަށް އޭނާ ބުނެއެވެ. އަދި ހޫނު ގައުފަދަ ތަކެތި ގަޔާދިމާލަށް އަންނަކަމަށްވެސް އޭނާ ބުނެއެވެ. އެންމެ ރަނގަޅަށް މަންޒަރު ނެގުމަށް އަލިފާން ފަރުބަދައިގެ ވީހާވެސް ކައިރިއަކަށް ޑުރޯނު އުދުއްސަންޖެހޭކަމަށް އޭނާ ބުނެއެވެ. އަލިފާން ފަރުބަދައިގެ އެތެރެއަށް ޑުރޯނު ވެއްޓުނީ އެގޮތަށް މަސައްކަތްކުރަނިކޮށެވެ.
އެ ހާދިޘާގައި ޑުރޯން ގެއްލުނު ނަމަވެސް ޢާންމުން ހިތްއުފާވައި ކަހަލަ މަންޒަރެއް ނެގުމުގެ ފުރުޞަތެއް ލިބުމުން އޭނާއަށް ހިތްހަމަޖެހުމެއް ލިބިފައިވާކަމަށް ހެމްސްވަނީ ބުނެފައެވެ،