ޚަބަރު

ޣައްޒާ އާރާސްތުކުރުމަށް ބޭނުންކުރާނެ އުޅަނދު މިޞްރުން ފޮނުވައިފި


ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތުކުރުމަށް އިމާރާތްކުރުމަށް ބޭނުންކުރާ ގިނަ ޢަދަދެއްގެ އުޅަނދު މިޞްރުން ޣައްޒާއަށް ފޮނުވައިފިއެވެ.

މެއި މަހުގެ 10ން 21އަށް އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުންވަނީ ޣައްޒާއަށް ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ޣައްޒާގެ ޢުމުރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން 250އަށްވުރެ ގިނަ މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އަދި 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް އައުމުގައި މިޞްރުންވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އަލްސީސީވަނީ ޣައްޒާ އަލުން އާރާސްތުކުރުމަށް މިޞްރުން 500 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެކަން ހާމަކުރައްވާފައެވެ.

އިސްރާއީލުން ދިން ޢުދަވާނީ ޙަމަލާތަކުގައި ޣައްޒާގެ 1،500 ގެ އެއްކޮށް ބިމާހަމަވެފައިވާކަމަށާއި އިތުރު 1،500 ގެ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށާއި 17،000ގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ޣައްޒާގެ ސަރުކާރުން ބުނެއެވެ. އެ ތަންތަން މަރާމާތުކުރުމަށް ގާތްގަނޑަކަށް 150 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ސަރުކާރުން ބުނެއެވެ.

މިޞްރުގެ ސަރުކާރުން ބުނީ އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ބޭނުންކުރާ އެކްސްކެވޭޓަރާއި ބޮޑު ލޮރީއާއި ކެރޭނު ހިމެނޭ ގާފިލާއެއް ޣައްޒާއަށް ފޮނުވާފައިވާކަމަށާއި އިންޖިނިރަރުންނާއި އެހެނިހެން ފަންނީ މާހިރުންގެ ވަފުދެއް މިޞްރާއި ޣައްޒާއާ ދެމެދު އޮންނަ ރަފަޙު ސަރަޙައްދީ ރޮނގު ހުރަސްކޮށް ޣައްޒާއަށް އެތެރެވެފައިވާކަމަށެވެ. ފަލަސްޠީނުންވެސްވަނީ ރަފަޙު ސަރަޙައްދީ ރޮނގު މެދުވެރިކޮށް 50 އުޅަނދު ޣައްޒާއަށް އެތެރެވެފައިވާކަން ޔަޤީންކޮށްދީފައެވެ.

ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތަށް މިޞްރުން ދެމުންދާ އެހީތެރިކަމަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ ޝުކުރު ޢަދާކޮށްފައެވެ.