ޚަބަރު

މަޖިލީހުގެ އިންކުއަރީއަށް ސީޕީ ހަމީދު ޙާޒިރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދަމުންދާ ޕާލިމަންޓްރީ އިންކުއަރީއަށް މަޢުލޫމާތު ސާފުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ޙަޒިރުކޮށްފިއެވެ.

ހަމަލާގެ އާއި ގުޅިގެން އިންކުއަރީ ހަދަމުންދާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓިއަށް ސީޕީ ހަމީދު ހާޒިރުކޮށްފައިވަނީ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށެވެ. ސީޕީ ޙާޒިރުކުރި ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމިދުގެ އިތުރުން ވަކިވަކި ބައެއް ފުލުހުންވެސް ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމާފައިވެއެވެ. އެގޮތުން ފުލުހުންގެ އިސްކޮށް ތިއްބެވި 5 ބޭފުޅުން ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމާފައިވެއެވެ.

ސީޕީ ހިމެނިވަޑައިގަންނަވާހެން ވަކިވަކި ފުލުހުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ޙާޒިރުކުރުމަށް ކުރުމަށް ނިންމާފައިވާއިރު، ފުލުހުން ވަނީ ވަކިވަކި ފުލުހުން ކޮމިޓީއަށް ޙާޒިރުކުރުމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން ވަނީ ވަކިވަކި ސިފައިން ކޮމިޓީއަށް ޙާޒިރުވުމުގެ ބަދަލުގައި، މަޖިލީހަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާއިންކަމަށް ވިދާޅުވެފައެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް މަޢުލޫމާތު ދިނުމާ ގުޅޭގޮތުން އެމްއެންޑީއެފުންވަނީ ބަޔާނެއް ނެރުއްވާފައެވެ. ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަނީ ސަލާމާތީ ޚިދުމަތްތަކާ ޙަވާލުވެ ހުންނަވާ ވަޒީރުކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަން އެބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައިވާތީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ޚައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާ ޚިލާފް ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ކޮމިޓީން ހިންގާ އިންކުއަރީއަށް މައުލޫމާތު ސާފުކުރުމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުޤީގެއް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމެޓީން ފަށައިފައިވާއިރު، ކޮމެޓީން ވަނީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލަ ސީރިއަސް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކޮށްދިނުމަށްވެސް އެދިފައެވެ.