ޚަބަރު

ގެވެށި އަނިޔާގެ މައްސަލަތައް އިތުރު، ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުދިންވެސް ހިމެނޭ


މިިދޔަ އަހަރުގެ ފުރަތަމަ ކުއަރޓާ އާއި އަޅާބަލާއިރު މިއަހަރުގެ އަހަރުގެ ފުރަތަމަ ކުއަރޓާގައި ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓުކުރެވުނު އަދަދު ބޮޑުތަނުން އިތުރުކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އަހަރުގެ ފުރަތަމަ ކުއަރޓާގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާއިރު، ޖުމްލަ 192 މައްސަލައެއް އެ އޮތޯރިޓީއަށް ވަނީ ހުށަހަޅާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓާ އާއި އަޅާބަލާއިރު 30ހަށް ވުރެ ގިނަ މައްސަލައެވެ. މިދިޔައަހަރުގެ ފުރަތަމަ ކުއަރޓާގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅާފައިވަނީ ގެވެށި އަނިޔާގެ 158 މައްސަލައެވެ.

މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ހުށައެޅި ގެވެށި އަނިޔާގެ މައްސަލައިގެ ތެރެއިން އެންމެ ގިނަ މައްސަލަ އެ އޮތޯރިޓީއަށް ރިޕޯޓުކުރީ މިނިސްޓްރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިންނެވެ. ޖެންޑަރ މިނިސްޓްރީން 88 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ގެވެށި އަނިޔާގެ 79 މައްސަލައެއް ހުށައަޅާފައިވެއެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުން 23 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް 2 މައްސަލައެެއް ހުށައަޅާފައިވާކަން އެ އޮތޯރިޓީގެ ހިސާބުތަކުން ދައްކައެވެ.

ހަމައެއާއެކު، ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި ގެވަށިއަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގްރޭޓަރ މާލެ ރީޖަންއިންނެވެ. އަދި ނިސްބަތުން ބަލާއިރު ސ އަތޮޅާއި، ޏ އަތޮޅުންވެސް ގިނަ މައްސަލަތަކެއް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން 108 މައްސަލައެއް މާލޭ ސަރަޙައްދުން ރިފޯޓުކޮށްފައިވާއިރު، ސ އަތޮޅުން 23 މައްސަލައަކާއި، ޏ އަތޮޅުން 15 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބު ތަކުން ދައްކައެވެ.

މި އަހަރުގެ ފުރަތަމަ ކުއަރޓާގައި ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލައިގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކުރެވުނީ ގެވެށި އަނިޔާގެ 6 ބާވަތެއްގެ މައްސަލައެވެ. އޭގެ ތެރެއިންވެސް ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން ހަމަލާދިނުމުގެ މައްސަލަ ރިފޯޓުކޮށްފައިވާލެއް އިތުރުކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިބާވަތުގެ 176 މައްސަލައެއް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވެއެވެ. މިއީ މިދިޔައަހަރުގެ ފުރަތަމަ ކުއަރޓާ އާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ފުރަތަމަ ކުއަރޓާގައި ރިޕޯޓުކޮށްފައިވަނީ މި ބާވަތުގެ 89 މައްސަލައެވެ.

މިއަހަރުގެ މިހާތަނަށް ރިޕޯޓްކުރި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ބިރުދެއްކުމުގެ މައްސަލަތަކެވެ. ބިރުދެއްކުމުގެ 120 މައްސަލައެއް ވަނީ ހުށައަޅާފައެވެ. ދެން އެންމެ ގިނައީ ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 110 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު ގޯނާކުރުމުގެ 96 މައްސަލައެއްވެސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެއިތުރުން ގެވެށި އަނިޔާގެ އަމަލެއް ހިންގަމުންދާ މަންޒަރެއް ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުމާއި، އަޑުއިއްވުމާއި، އެފަދަ ޙާލަތަކަށް ކުއްޖަކު ގެންދިއުމާއި ނުވަތަ ހުށަހެޅުމުގެ 64 މައްސަލައަކާއި މުދަލަށް ގެއްލުންދިނުމުގެ 54 މައްސަލައެއް ރިޕޯޓުކޮށްފައިވާކަން ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި މައްސަލަތަކަށް ބަލާއިރު ގެވެށި އަނިޔާ ލިބުނު މީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. މިގޮތުން 271 މީހަކު ގެވެށި އަނިޔާއާއި ކުރިމަތިލާން ޖެހުނުއިރު އޭގެތެރޭ ގައި 202 އަންހެހަނަކާއި 68 ފިރިހެނުން ހިމެނެއެވެ. އަދި ގެވެށި އަނިޔާ ލިބުނު މީހުންގެ ތެރެއިން ޖިންސުގެ މައުލޫމާތު އޮތޯރިޓީއަށް ލިބިފައިނުވާ އެކަކު ހިމެނޭކަންވެސް ތަފާސް ހިސާބުތަކުން ފާހަގަކުރެވެއެވެ.

އަނިޔާލިބިފައިވާ މީހުންގެ ތެރެއިން 160 މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ. އެއީ 133 އަންހެނުންނާއި 27 ފިިރިހެނުންނެވެ. އަދި ގެވެށި އަނިޔާ ލިބުނު މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 111 ކުއްޖަކުވެސް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ 59 އަންހެން ކުއްޖަކާއި 41 ފިރިހެން ކުދިންނެވެ.