ޚަބަރު

އިންޑިއާ އަސްކަރިއްޔާއިން ޖިމް އިކުއިޕްމެންޓްތަކެއް ސިފައިންނަށް


އިންޑިއާ އަސްކަރިއްޔާއިން ޖިމް އިކުއިޕްމެންޓްތަކެއް ސިފައިންނަށް ހަދިޔާކޮށްފިއެވެ. މި އިކުއިޕްމެންޓްތައް ދިވެހި ސިފައިންނާއި ހަވާލުކުރުމަށް "އިންޑިއަން ނޭވީ ޝިޕް ޝަރުދުލް" ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.   މި ރަސްމިއްޔާތުގައި މިތަކެތި ސިފައިންނާއި ހަވާލުކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ޝަހަރޭއެވެ. ސިފައިންގެ ފަރާތުން މިތަކެއްޗާއި ހަވާލުވެލެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙުމަދު ޝާހިދުއެވެ.މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު ވަނީ، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރެއްވުމަށް ދިވެހި ސަރުކާރުން އިސްކަމެއްދެއްވައިގެން ކުރިއަށް ގެންދަވާ ސްޕެޝިއަލް އިކޮނޮމިކް ޒޯން ޤާއިމްވެގެންދާއިރު، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން، ކަށަވަރުކުރުމަށް ދިވެހި އަސްކަރިއްޔާއަށް އިންޑިޔާގެ އެހީތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙުމަދު ޝާހިދުވަނީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ ކުރިންވެސް އިންޑިޔާގެ އާމީގެ ފަރާތުންވަނީ ސިފައިންނަށް ޖިމް އިކުއިޕްމަންޓް ހަދިޔާކޮށްފައެވެ. އިންޑިއާގެ އަސްކަރީ މަނަވަރު، އައިއެމްއެސް ޝަރުދުލް ރާއްޖެއައިސްފައި ވަނީ ދެޤައުމުގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ކުރިއަށްގެންދާ ސަރވެއިލަންސް ޕްރޮގްރާމްގެ ތެރެއިންނެވެ.